27 އޮކްޓޯބަރ 2010
ފުނަމާ
” މިސަރުކާރު ދެމިއޮތީވެސް އަދި ދެމި އޮންނާނީވެސް ހަމައެކަނި ރައްޔިތުންނަށް ޚިދުމަތް ކުރުމަށޭ” މިއީ ރައީސް ނަޝީދު ވަރަށް ގިނައިން ވިދާޅުވަމުންދާ ބަސްފުޅެކެވެ. މިއީ ސަރުކާރެއް ހިންގަވާން ހުންނެވި ވެރިޔަކު ވިދާޅުވަމުންދާ ބަސްފުޅަކަށް ވާއިރު އެވިދާޅުވާ ބަސްފުޅުގެ މުރާދާ މެދު ފުންކޮށް ވިސްނާން އެބަޖެހެއެވެ. ހަމައެކަނި ވިދާޅުވާ ބަސްފުޅަކަށް ނުވެ ކަންކުރައްވަމުން ގެންދަވާ ގޮތާމެދު ސީރިޔަސްކޮށް ވިސްނާން ޖެހެއެވެ.
ވެރިކަން އެމްޑިޕީއަށް ކާމިޔާބު ވުމާއެކު މާގިނަދުވަހެއްނުވެ ކުރިމަތިލާން ޖެހުނީ ގާނޫނުހަދާ މަޖްލިހުގެ އިންތިޚާބާއެވެ. މިއިންތިޚާބު ސަރުކާރު ހިންގާ ޕާޓީއިން ކާމިޔާބު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވަމުން ރައީސް ނަޝީދު އެގެންދެވީ ކީއްވެކަން މިއަދު މިދަނީ ފެންނަމުންނެވެ. އިދިކޮޅުފަރާތްތަކުން އެމަޖްލީހަށް ކުރިމަތިލީ ސަރުކާރު ޒިންމާދާރު ކުރުވާށޭ ކިތަންމެ ވަރަކަށް ބުނަމުން ގެންދިޔަ ނަމަވެސް އެކަން އޮތީ އެގޮތައް ނޫންކަން މިއަދު ތަޖުރިބާއިން މިއޮތީ އެނގިފައެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއް ހުއްޓުވައި ސަރުކާރުގެ ބާރު ކުޑަކޮށް އަދި ފާޅުގައި ސަރުކާރު ވައްޓާލުމަށް ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން ޤައުމުގެ ތަރައްޤީގެ މަގު ހަނިކޮށްލެވޭތޯ މަޖްލިހުގެ މެންބަރުން މަސައްކަތް ކުރަމުން ގެންދާކަމީ އޮޅުމެއްނެތި ހާމަވަމުންދާކަމެކެވެ. ވަކިފަރާތަކަށް ނުޖެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައި ގޮނޑިހޯދި މެންބަރުންގެ ނިޔަތް ހުރިގޮތްވެސް މިވަނީ އެނގިފައެވެ.
ތަފާތު ގޮތްގޮތުން މަޖުލީހުގެ އެތެރޭންނާއި ބޭރުން އިދިކޮޅު ފަރާތްތަކުން މިސަރުކާރު ޕެރެލައިޒް ކޮށްލުމަށް ފަށާފައިވާ މަސައްކަތުގައި ކުޑަވެސް ދުލެއްނުދީ ހިފަހައްޓާފައިވާއިރު ފުރެމުންމިދާ ދެއަހަރުގެ މުއްދަތުގައި މިސަރުކާރުން ހޯދާފައިވާ ކާމިޔާބުތަކަކީ ރައީސް ނަޝީދުއާއި އެމަނިކުފާނަށް ލަފާއަރުވާ ފަރާތްތަކަށް ތައުރީފު ކުރުން ޙައްޤުކަމެކެވެ. ކިތަންމެ ކަނޑުގަދަޔަސް ކެޔޮޅުވަންތަ ކެޔޮޅަކާއެކުނަމަ ދަތުރު ކުރެވިދާނެ ކަމުގެ ހެއްކެކެވެ.
މިސަރުކާރު މިއޮތީ ރައްޔިތުންގެ ޚިދުމަތުގައިކަން ދަލީލު ކޮށްދޭ އަނެއް ހެއްކަކީ މިސަރުކާރުގެ މުހިންމު މަޤާމު ތަކަކީ އެމަޤާމުގައި ހުންނަ މީހެއްގެ ޖާހާ އިއްޒަތަށް ބިނާވާ މަޤާމު ތަކަކަށް ނުވާކަމެެވެ. މަޤާމު ބޮޑުވާ ވަރަކަށް އެމަޤާމަކުން އެފަރާތެއްގެ އިއްޒަތް ބޮޑުނުވެ ނުވަތަ މީހާގެ ފާޓުފުޅާވުމެއް ނެތި ޒިންމާ ބޮޑުވެގެންދާކަން މިހާތަނަށްވެސް މިވަނީ ޔަޤީންވެފައެވެ. މީގެ ކުރީން ސަރުކާރުގެ ވަކި މަޤާމުތަކެއްގައި ތިބޭ މީހުންނަކީ އެމީހުންގެ ޒިންމާއަށްވުރެ ގަދަރާ އިއްޒަތް މަތީބައެއްކަމުގައި ދެކެވިފައިވީނަމަވެސް ރައީސް ނަޝީދު މިވަނީ އެކަން ބަދަލު ކުރައްވާފައެވެ. މަޤާމު މަތިވި ވަރަކަށް ރައްޔިތުންނާ ކުރިމަތިލައި ޖަވާބުދާރީވާން ޖެހޭ މިންވަރު ބޮޑުވެ ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް މިވަނީ މަޖްބޫރުކޮށްފައެވެ. މީގެ ސަބަބުން ޤައުމުގެ ހިންގުން ކުރިމަގުގައި އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް ބޮޑުވެގެން ދާނޭކަމާމެދަކު ޝައްކެއްނެތެވެ.
މިސަރުކާރަށް ދެއަހަރު ފުރެމުންދާއިރު އަނެއްކާވެސް މިވަނީ މުހިންމު އިންތިޚާބަކަށް ހަނދުބަލާފައެވެ. ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމުގެ ނިޔަތުގައި އެކުލަވާލާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު މިހާރު މިވަނީ ބޯމަތިވެފައެވެ. މިއިންތިޚާބަކީވެސް ސިޔާސީގޮތުން ވާދަވެރި އިންތިޚާބަކަށް ވެގެންދާނެކަން ކަށަވަރެވެ. ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހެޔޮގޮތްތަކެއް ހޯދައިދިނުމުގެ ވައުދުތައް ކުރަމުން ސަރުކާރު ހިންގާ ޕާޓީން އެތަކެއް ކެންޑިޑޭޓުން ނުކުންނާނެއެވެ. ހަމައެއާއެކު އެއްކަލަ ސަރުކާރު ޒިންމާ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުންވެސް މިއަދަދަށް ނުވަތަ އިތުރަށް ކެންޑިޑޭޓުން ނެރޭނެއެވެ.
ގައިމުވެސް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުން ތިމަންނާމެން މިއުޅެނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭށޭ ބުނުމުން އެކަން ޤަބޫލު ނުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް އިދިކޮޅުފަރާތް ތަކުން އަނެއްކާވެސް އެނުކުންނަނީ ސަރުކާރު އެބުނާ ގޮތަށް ޒިންމާދާރު ކުރުވަން ކަމުގައި ބުނާނަމަ ސުވާލު އުފެދޭނެއެވެ. އެބުނާ ޒިންމާ ކުރުވުމުގެ އާޖުފާޖު މިއަދު މިޤައުމުން މިހާރުވެސް ދަނީ ފެންނަމުން ދަސްވަމުންނެވެ. ސަރުކާރަށް ޖެއްސުންކުރުމާ ރައްޔިތުންނަށް އަމާޒުވާ ޚިދުމަތްތައް ހުއްޓުވާލުމަކީ ސަރުކާރު ޒިންމާ ކުރުވުންކަމުގައި ގަބޫލު ކުރެވޭނަމަ މިޤައުމުގެ ކުރިމަގާ މެދު އިތުރަށް ވިސްނާލާން މަޖްބޫރުވެއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ނިމިގެންދާއިރު ސަރުކާރު ހިންގާ ޕާޓީއަށް ކާމިޔާބު ވުމަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ކާމިޔާބު ކަމާއެކު ފޯރުކޮށްދިނުމަށް ހުޅުވިގެންދާނެ ދޮރެއްކަމުގައި ގައިމުވެސް ވެގެންދާނެއެވެ. ހަމައެހެންމެ އިދިކޮޅުފަރާތްތަކަށް މިއިންތިޚާބު ކާމިޔާބު ކުރެވުން ވެގެންދާނީ ޤައުމުގައި އިތުރު ހަމަނުޖެހުން އުފެދި ސަރުކާރަށް ޕްރެޝަރ ބޮޑުވެގެންދާނެ ކަމަކަށެވެ. ކައުންސިލްތަކުގެ އަރާރުމާއި ގޮތްދޫނުކުރުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތަކަށް ހިޔަނިއެޅިގެން ދާނެކަމާމެދު ޝައްކެއްވެސް ނެތެވެ. މިގޮތައް ދަންނަވަން ޖެހެނީ މިހާތަނަށް އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރިގޮތުގެ މައްޗަށް ބަލާފައެވެ.
ހަމައެހެންމެ ވިސްނާލަން ޖެހޭ މުހިންމު އެހެން ކަމެއްވެސް އެބައޮތެވެ. ރައީސް ނަޝީދު މިހާރުވެސް ގޮވާލަމުން އެގެންދަވަނީ ކައުންސިލް އިންތިޚާބުގައި ކަމަށް ގާބިލް ފަރާތްތަކުން ވާދަކުރުމަށެވެ. މިއީ މިވަގުތު ވަރަށް ބޮޑަށް ވިސްނާން ޖެހިފައިވާ ކަމެކެވެ. ކައުންސިލް އިންތިޚާބުގައި ކާމިޔާބުކުރާ ފަރާތްތަކަކީ ކަމަށް ގާބިލް ބަޔެއް ކަމުގައި ނުވެއްޖެނަމަ އޭގެ ސަބަބުން ދެންކުރިމަތި ވެގެންދާނެ މައްސަލަތައް މާބޮޑުވެގެން ދާނެއެވެ. ސަބަބަކީ ކޮންމެ ރަށަކާ އަތޮޅެއްގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ މެންޑޭޓް ދެން ހަވާލުކުރެވޭނީ އެއިންތިޚާބު ކުރެވޭ ކައުންސިލްތަކާއެވެ. އެހެންކަމުން ކައުންސިލް ތަކުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ އެކަމުގައި ގާބިލް ބަޔަކު ތިބެގެންކަމާމެދު ޝައްކެއްވެސް ނެތެވެ. މިއީ މުޅީން އަލަށް ރާއްޖޭގައި ތަޢާރަފު ކުރެވޭ ކަމަކަށް ވާއިރު ފަށައިގަތުމުގައި ގޮންޖެހުންތަކެއްވެސް ހުންނާނެތީވެ އަމުދުން މިކަމާމެދު މާބޮޑަށް ވިސްނާން ޖެހޭނެއެވެ. އެހެންކަމުން ރައީސް ނަޝީދު އެވިދާޅުވާގޮތަށް ކަމަށް ގާބިލް ތައުލީމީ ބަޔަކު މިކަމަށް ކުރިމަތިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
ނަމަވެސް ރާއްޖޭގައި ކަން ވަމުންދާގޮތައް ބަލާއިރު މިއިންތިޚާބަކީވެސް ފައިސާގެ ނުފޫޒާއި ސިޔާސީ ކޯޅުމުގެ ތެރެއިން ނިމިގެންދާނެ އިންތިޚާބެއް ކަމުގައި ވެގެންދާނެއެވެ. ގައުމުގެ ކުރިއެރުމާއި ތަރައްގީ ޔަޤީން ކުރުމުގެ ގޮތުން އެމްޑީޕީއިން މިއިންތިޚާބު ކާމިޔާބު ކުރުމަކީ މަޖްބޫރު ކަމަކަށް ވެގެންދާނެއެވެ. އިދިކޮޅު ފަރާތްތަކަށް ފުރުސަތު ލިބިއްޖެނަމަ އާޚިރުގައި މުޅިގައުމު ބައިބައިވެ ރައްޔިތުންނަށް ހިއްދަތިކަމާއި އިތުރު ތަކްލީފުތަކެއް މެނުވީ އުފުލާން ނުޖެހޭނެކަން ގައިމެވެ. މިކަމާމެދު މިޕާޓީގެ މެންބަރުންވެސް އަދި އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންވެސް މިހާރުއްސުރެ ވިސްނައި ފިކުރު ހިންގާން ވެއްޖެއެވެ.