ޑީއާރުޕީގެ މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ ރައީސް ކަންބޮޑުވެވަޑައިގެންފި

26 އޮކްޓޯބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޮލަމާފުށީގެ އުމުރުން ދުވަސްވީ ބޭފުޅަކާ ސަލާންކުރައްވަނީ .. /ފޮޓޯ މައުރޫފް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޮލަމާފުށީގެ އުމުރުން ދުވަސްވީ ބޭފުޅަކާ ސަލާންކުރައްވަނީ .. ރައީސް ނަޝީދުގެ މަޤްބޫލުކަން އިތުރުވަމުންދިއުމުގެ އެއް ސަބަބަކީ އެމަނިކުފާނުގެ އޯގާތެރިކަމާ ހިތްތިރިކަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން /ފޮޓޯ މައުރޫފް ޚަލީލް

ޑީ.އާރު.ޕީ އިން އިންތިޒާމު ކޮށްގެން، ރޭ ކުރިއަށްދިޔަ މުޒާހަރާގެ ޚަބަރުތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ބައެއް ނޫސްވެރިންނަށް، އެމުޒާހަރާ ކޮންޓްރޯލް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ފުލުހުންގެ ފަރާތުން އެކިވަރުގެ ހާނިއްކަތައް މެދުވެރިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޕޯޓް ކުރެވިފައިވާތީ، އެކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
މިކަމާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލް، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން، އަދި ދިވެހި ނޫސްވެރިންގެ ޤައުމީ ޖަމްޢިއްޔާގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެރިން މިއަދުވަނީ ބައްދަލުކުރައްވައި، މަޝްވަރާ ބަދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން އެބޭފުޅުންނާ މިއަދު ބައްދަލުކުރެއްވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ޢާއިޝަތު ޝުވޭކާރާއި، ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ ހުޝާމް މުޙަންމަދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކުވެސް ބައިވެރިކުރެއްވި މިބައްދަލުކުރެއްވުމުގައި، ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރެއްވުމުގެ ތެރޭގައި، ނޫސްވެރިންނަށް ހާނިއްކަތައް މެދުވެރިވެފައިވަނީ، ބައެއްފަހަރު ސީދާ އެފަރާތްތަކަށް އަމާޒު ކުރެވިގެން ކަމަށާއި، ނޫސްވެރިން ފަހަތަށް ޖައްސަވާއިރު އެކަށީގެންނުވާ ދުރުމިނަށް ފުލުހުން ނޫސްވެރިން ފަހަތަށް ޖައްސަވާ ކަމަށާއި، ނޫސްވެރިންނާ މުޚާޠަބު ކުރެއްވުމުގައި، ވަރަށް ހަރުކަށި ޢިބާރާތްތައް ބޭނުންކުރައްވާފައިވާ ކަމަށާއި، އެއްވެސް އިންޒާރެއްނެތި ކުއްލި ފިޔަވަޅުތައް އަޅުއްވައި، ކަރުނަގޭހާއި، ޕެޕަރސްޕްރޭ ބޭނުންކުރައްވާފައިވާ ކަމުގެ ޝަކުވާތައް ނޫސްވެރިންގެ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކުރައްވާފައެވެ. ނޫސްވެރިން ބޭނުންވަނީ މުޒާހަރާ ރޫޅާލެއްވުމަށް ފުލުހުން ފިޔަވަޅު އަޅުއްވާ ދަނޑިވަޅުގައި ޙަރަކާތްތެރިވެލައްވާ މަންޒަރުތައް ނެންގެވުމަށް ކަމުގައިވެސް ނޫސްވެރިންގެ ފަރާތުން މިބައްދަލުކުރެއްވުމުގައި ވިދާޅުވެފައިވެއެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީގެ ވާހަކަފުޅުގައި، ފުލުހުންނާއި ނޫސްވެރިންގެ ދެމެދު ދެކޮޅުވެރިކަމެއް، އުޞޫލެއްގެ ގޮތުން އޮވެދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ފަދައިން މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ، މިކަންކަމުގެ ޙައްލުތަކެއް ހޯއްދެވުން ކަމަށާއި، ވާހަކަ ދައްކައި ނުވަތަ މަޝްވަރާ ކޮށްގެން މެނުވީ، އެއްވެސް ކަމެއްގައި ޙައްލެއް ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ.

އަދި، ކުރިއާ ޙިލާފަށް ފުލުހުން މިހާރު ޢަމަލުކުރައްވަމުން ގެންދަވަނީ އެބޭފުޅުންނަށް ޙާއްޞަކުރެވިފައިވާ ޤާނޫނެއްގެ ދަށުންކަން ނޫސްވެރިންވެސް އަދި އެހެން ފަރާތްތަކުންވެސް ގަބޫލުފުޅު ކުރައްވަންވާނެ ކަމުގަ ޒަކީ ފާހަގަކުރެއްވިއެވެ.

މުޒާހަރާތަކާއި، ހަލަބޮލި އެއްވުންތަކުގެ ޚަބަރުތައް ގެންނެވުމަށް މަސައްކަތް ކުރައްވާ ނޫސްވެރިން ޢަމަލު ކުރައްވާނެ އުޞޫލުތަކެއް، މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްނަންގަވައިގެން، ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅިގެން އެކުލަވައިލައްވަމުން ގެންދަވާތީ، އެކަމަށް އިޝާރާތް ކުރައްވަމުން، ކަމާގުޅޭ އެހެން ހުރިހާ ފަރާތްތަކުންވެސް މީޑިއާ ކައުންސިލަށް އެއްބާރުލެއްވުން ދެއްވުމަށް، މިބައްދަލުކުރެއްވުމުގައި އިބްރާހީމް ޙުސައިން ޒަކީ އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން، ޤައުމު ބިނާކުރުމުގައި ނޫސްވެރިންގެ ދައުރަކީ ވަރަށްމަތީ އަހަންމިއްޔަތު ކަމަކާއި މިނިވަން ކަމެއް ލިބިދޭންޖެހޭ ދައުރެއް ކަމުގެ ސިޔާސަތު، މި ސަރުކާރުން އަބަދުވެސް ދަމަހައްޓަވާނެ ކަމަށާއި، މިބާވަތުގެ ކަންކަމުގައި ޙައްލުތަކެއް ހޯއްދެވި، އެޙައްލުތަކަށް ޢަމަލީ ސިފަ ގެންނެވޭނީ، މިކަންކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވިގެންކަންވެސް އިބްރާހީމް ޙުސައިން ޒަކީ ފާހަގަކުރެއްވިއެވެ. ނޫސްވެރިންނަށް ހާނިއްކައާއި ތަކުލީފު މެދުވެރިނުވާނޭ ގޮތްތައް އެކަށައެޅުއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ކަމުގައިވެސް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ.