އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި

26 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު މެންދުރުފަހު ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު 3.00 ގައި އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ 84 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ދަޢުވާ އުފުލާ މައްސަލަތަކުގައާއި އެމްޑީޕީގެ މައްޗަށް ދަޢުވާ ލިބޭ މައްސަލަތަކުގައާއި، އަދި ހިނގަމުންދާ މައްސަލައެއްގައި އެމް.ޑީ.ޕީގެ ފަރާތުން ތަދައްޚުލްވުމަށް ބޭނުންވާ ހާލަތްތަކުގައާއި އަދި މިނޫންވެސް ކަންކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި އެހެނިހެން ހުރިހާ ޝަރުޢީ ކޯޓުތަކާއި އަދި މިނޫންވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި، ޤާނޫނީ ޝަޚުސްތަކާއި، އަމިއްލަ ފަރާތްތަކުގައި އެމް.ޑީ.ޕީ ތަމްސީލް ކުރާނެ ފަރާތްތަކާއި އެކިއެކި ލިޔެކިޔުންތަކުގައި ސޮއި ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރާއި އިޚްތިޔާރު އެމް.ޑީ.ޕީގެ ޗެއަރޕާރސަނާއި އެމްޑީޕީގެ ރައީސްއާއި އަދި ނައިބުރައީސް އަށް ލިބިގެންވާކަމަށް ބަޔާންކޮށް މާފަންނު އުތުރ ދާއިރާގެ މެންބަރު ހުށަހެޅުއްވައި އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ތާޢީދުކުރެއްވި ޤަރާރު ވަނީ މިއަދުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓާއެކު ފާސްކުރައްވާފއެވެ.