މަޖިލީހުގެ ޤަވައިދުގެ އަކުރެއް އުނިކުރުމުގެ ޝަރީޢަތުގެ މައްސަލައިގައި ތަދައްޚުލްވުމުގެ ފުރުޞަތު އެމްޑީޕީއަށް ލިބިއްޖެ

26 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

އަލްހާން އެމްޑީޕީއަށް ސޮއިކުރައްވަނީ
އަލްހާން އެމްޑީޕީއަށް ސޮއިކުރައްވަނީ

މިހާރު ސްޕްރީމް ކޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުނިކުރުމަށް ދިވެހި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި ތަދައްޚަލްވުމުގެ ފުރުޞަތު ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އަށް ވެސް ލިބިއްޖެއެވެ.
މިއަދު ސްޕްރީމް ކޯޓުގައި އޮތް މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ އެމައްސަލައިގައިވާ އެންމެހާ ސަބަބުތަކާ ހެކިތަކާއި ޙުއްޖަތްތައް އެއްވެސް ދެބަސްވުމެއްނެތި އެމްޑީޕީން ޤަބޫލުކުރާ ކަމަށެވެ.
އަލްހާން އިތުރަށް ވިދާޅުވީ މިމައްސަލައިގައި ތަދައްޚުލް ވުމުގެ (ވަދެގަތުމުގެ) ފުރުސަތު، މައްސަލަ ރައްދުވާ ފަރާތްކަމަށްވާ ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮތް ނަމަވެސް، އެމަޖިލީހުން މިމައްސަލައިގެ ތެރެއަށް ވަދެފައި ނުވަނީ އެމަޖިލީހަށް ޤާނޫނު އަސާސީން ލިބިދޭ ދުސްތޫރީ ބާރަށް އުނިކަމެއް ނުވަތަ ހުރަހެއް އެޅޭނޭ ކަމެއް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި ނެތްކަން އެމަޖިލީހަށް ޤަބޫލުކުރެވޭތީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަލްހާން ވިދާޅުވީ މިގަވައިދަކީ ވަރަށް ކުއްލިގޮތަކަށް ފާސްކޮށްފައިވާ ގަވައިދެއް ކަމަށާއި، އެގަވައިދުގައި އުނި ކަންތައްތަކެއް ހުންނާނޭ ކަމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އިސްލާހްކޮށްގެން ކުރިޔަށް ގެންދިއުމަށް މަޖިލީހުން އިއްތިފާޤް ވެފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިމުމުން މި ޝަރީޢަތުގެ ހުރިހާ އަޑުއެހުމެއް ނިމުނީ ކަމަށް އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒް ވަނީ އިޢުލާންކުރައްވާފައެވެ. އަދި މިމައްސަލައިގެ ޙުކުމް ވަރަށް އަވަހަށް ކުރާނޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު އިޢުލާންކުރެއްވިއެވެ.