ލޯކަލް ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޓިކެޓް ދިނުމުގެ މަސައްކަތް ދާއިރާގެ ރައީސުންނާއެކު ކުރިޔަށް ގެންދިޔުމަށް އެމްޑީޕީން ނިންމައިފި

26 އޮކްޓޯބަރ 2010

ޢަބްދުﷲ ޖުނައިދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިވެ ކުރިމަތިލާފައިވާ ފަރާތްތަކަށް ޓިކެޓް ދިނުމުގެ މަސައްކަތް، ދާއިރާގެ ރައީސުންނާއެކު ކުރިޔަށް ގެންދިޔުމަށް އެމްޑީޕީން ނިންމައިފި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ކޯޑިނޭޓަރުންނާއެކު ކެމްޕެއިން ކޮމެޓީއާ ސެލެކްޝަން ކޮމެޓީން ރޭ އެމްޑީޕީ ކެމްޕެއިން އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ޝޯޓްލިސްޓް ކުރުމުގައި އިންތިޚާބާބެހޭ ގާނޫނާ އެމްޑީޕީން ކަޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވުމުން، ގާބިލްކަމާއި އެކެންޑިޑޭޓަކު އިންތިހާބީ ދާއިރާގައި ބަލައިގަތުން އޮތް މިންވަރުގެ އިތުރުން ޕާޓީއަށް އޮތް އިޚްލާޞްތެރިކަމާއި އަދި އިންތިހާބެއްގައި ކެމްޕޭން ކުރުމަށް ފައިސާ ހޯދުމުގެ ގާބިލްކަން އޮތް މިންވަރަށްވެސް ބެލުމަށެވެ.
ރޭ ބޭއްވި މިބައްދަލުވުމުގައި ކެމްޕޭނަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ދާއިރާތަކާ މަޝްވަރާ ކުރެއްވުމަށާ، ކޯޑިނޭޓަރުންގެ ބައްދަލުވުންތައް މައިކެމްޕޭނު އިދާރާ އޮފީސް ކަމަށްވާ ރެޑްގްރާސްގައި ކުރިޔަށް ގެންދިޔުމަށްވެސް ނިންމާފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، ލޯކަލް ކައުންސިލްތަކަށް މުޅި ޖުމްލަ 1094 މެންބަރުން އިންތިޚާބު ކުރަންޖެހޭ ނެ އެވެ. އެއީ ރަށު ކައުންސިލްތަކަށް 947 މެންބަރުންނާއި އަތޮޅު ކައުންސިލްތަކަށް 130 މެންބަރުންނާއި، އައްޑޫ ސިޓީ ކައުންސިލަށް 6 މެންބަރުން އަދި މާލޭ ސިޓީ ކައުންސިލަށް 11 މެންބަރުންނެވެ.