އެމްޑީޕީ ކޮންގެރެސްގެ އެޖެންޑާ ދެނެގަތުމާއި، އަސާސީގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްތަކާމެދު މަޝްވަރާ ފެށުމަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

26 އޮކްޓޯބަރ 2010

އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ހިންގާކޮމިޓީގެ ތިންވަނަ ބައްދަލުވުން 20 އޮކްޓޯބަރ 2010 ގައި މައި ހަރުގޭގައި ބާއްވައިފިއެވެ. މިބައްދަލުވުމަށް، އަންހެނުންގެ ރޫހުގެ އިންތިގާލީ ހިންގާކޮމިޓީގެ ހުރިހާމެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދާއިރާގެ ހިންގާކޮމިޓީ އިންތިޚާބުކުރެވުނުއިރު، ހިންގާ ގަވާއިދެއް ނެތުމާއެކު، 28 އޮކްޓޯބަރު ގައި ފެށޭ ޕާޓީގެ ކޮންގްރެސް ގައި އިސްލާޙްކުރެވޭ އަސާސީ ގަވާއިދު ފާސްވަންދެން ހިންގާގަވާއިދެއް އެކުލަވާލުން ލަސްކުރުމަށް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާއިން ބުނެއެވެ. އެހެން ނަމަވެސް މިއޮތް ކުޑަދުވަސްކޮޅުގައިވެސް ދާއިރާގެ ކަންކަން މިހާރުން މިހާރަށްވެސް ހިންގުމަށް ބޭނުންވާ އުސޫލްތަކެއް ކަނޑައެޅި އެނގިފައި އޮންނަންޖެހޭނެކަމަށް އެދާއިރާއަށް ފެންނާތީ ދާއިރާގެ ހިންގާކޮމިޓީން އަންހެނުންގެ ރޫހާއެކު މަސައްކަތްކުރުމުގައި ގެންގުޅޭނެ އުސޫލުތަކެއް ފާސްކުރި ކަމަށާއި އަދި ދާއިރާގެ ހިންގާކޮމިޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިޓީގެ މެމްބަރެއް ބޭނުންވުމުންކަމަށާއި، އަދި އާންމު މެމްބަރުންގެ 10 މެމްބަރުން އެދިއްޖެ ހިނދެއްގައި ދާއިރާގެ ހިންގާކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދޭންޖެހޭނެކަމަށް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް އެދާއިރާއިން ބުނެއެވެ.
މީގެއިތުރުން ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ޕާޓީޓިކެޓް ހޯދުމަށް ކުރިމަތިލާ ދާއިރާގެ މެމްބަރުންނަށް ތާއީދުކޮށް މަސައްކަތްކުރުމަކީ ހިންގާކޮމިޓީގެ އަދި އަންހެނުންގެ ރޫހުގެވެސް ކޮންމެ މެމްބަރަކަށްވެސް ކޮމިޓީގެ ހައިސިއްޔަތުން ބޭރުގައި ކުރެވިދާނޭކަމެއްކަމަށް ރޭގެ ބައްދަލުވުމުގައި އެއްބަސްވިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ ހިންގާކޮމިޓީގެ 4 ވަނަ ބައްދަލުވުން ތާވަލްކޮށްފައިވަނީ މިރޭ، 25 އޮކްޓޯބަރ 2010 ގެ ރޭގަޑު 8.30 ގައި ދާއިރާގެ އޮފީސް، ހ.ޝޭޑީކޯނަރ ގައެވެ. މިބައްދަލުވުމުގެ އެޖެންޑާގެ މައިގަޑު އަމާޒަކީ ކޮންގެރެސްގެ އެޖެންޑާ ދެނެގަތުމާއި، އަސާސީގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްތަކާމެދު މަޝްވަރާ ފެށުމެވެ.