އެމްޑީޕީ ކޮންގްރެސްއަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް މާލޭ ދާއިރާތަކުގެ އަންހެނުންގެ ކޮމިޓީތަކުން އިސްނަގައިފި

25 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

މި އޮކްޓޯބަރު މަހުގެ 28 ން 30 އަށް ދަރުބާރުގޭގައި ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2 ވަނަ ކޮންގްރެސްއަށް ރަށްރަށުން މާލެ ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ މާލޭ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކުން އިސްނަގައިފިއެވެ.
މިގޮތުން ރަށްރަށުން މާލެވަޑައިގަންނަވާ އަންހެން ބޭފުޅުންގެ ދަތުރުފަތުރުގެ ޚަރަދާއި، މާލޭގައި ތިބުމާއި ކެއުމުގެ ކަންތައް އެމްޑީޕީ މާލޭ ދާއިރާތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ބެލުމުގެ ދަށުން ބަލަހައްޓާގޮތަށް ހަމަ ޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން ވެސް ރަށްރަށުން މާލެ ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށްޓަކައި 28 އޮކްޓޯބަރ 2010 ވަނަ ދުވަހުގެރޭ ކޮންގްރެސް ފެށުމުގެ ކުރިން އެމްޑީޕީ ހަރުގޭގައިޚާއްސަ ބައްދަލުވުމެއް ބާއްވާ ގޮތަށް މިއަދު އެމްޑީޕީ އޮފީހުގައި އޮތް މާލޭ ދާއިރާތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެއްބަސްވެފައިވާ ކަމަށް ވެސް، އެމްޑީޕީން މަޢުލޫމާތު ދެއެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ރަށްރަށުން 100 އަށްވުރެ ގިނަ އަންހެން ބޭފުޅުން ވަޑައިގަންނަވާނެއެވެ.