ނޫސް ބަޔާން: ޑީއާރުޕީ އިން ފުވައްމުލަކު ގައި ހިންގަމުންދާ ގާނޫނާއި ޚިލާފު އަމަލު ތައް އެދާއިރާއިން ކުށްވެރި ކުރުން

ޑީއާރުޕީ އިން ފުވައްމުލަކު ގައި ހިންގަމުންދާ ގާނޫނާއި ޚިލާފު އަމަލު ތައް ކުށްވެރި ކުރުން

mdp-logo11

23 އޮކްޓޯބަރ 2010 ވީ ހޮނިހިރު ދުވަހުގެ ރޭ ދިވެހިރައްޔިތުންގެ ޕާޓީ އިން ،ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގް ހަސަން އިސްވެ ހުންނަވައިގެން ބޭއްވި ބައްދަލު ވުމުގައި، ވިލި މާފަންނު ދާއިރާގެ މެމްބަރު މުހައްމަދު ނިހާން ހުސެން މަނިކާއި،ހަނިމާދޫ ދާއިރާ މެމްބަރު އަލްއުސްތާޒު މުހައްމަދު މުޖުތާޒު ، މިހާރު އުފެދިފައިވާ ގާނޫނީ ސަރުކާރަށާއި، އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އަބުރު ފުޅަށް ހުތުރު ވާގޮތަށް، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި މާރާ މާރީ އަށް މަގު ފަހިވާ ގޮތަށް މަސައްކަތް ކޮށްފައި ވާތީ މިކަން ފުވައްމުލަކު އުތުރު ދާއިރާއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
ފުވައްމުލަކުގައި ތިބި ބައެއް ސިވިލް ސަރވަންޓުން ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައިފިތުނަ އުފައްދައި ، ބައި ބައި ކުރުމުގެ މަގްސަދުގައި، މި ޕާޓީ އަށް ނިސްބަތް ވާ މީހުން ވަޒިފާ އަދާ ކުރާ ތަން ތަނަށް އެއްވެ،ރައްޔިތުން ނަށް ދޭންވާ ޙިދުމަތް ތައް ދޭން ދަތި ވާ ގޮތަށް މަސައްކަތް ނުކުރުމަށް ،ޑީއާރުޕީ އަށް ނިސްބަތް ވާ، މިކަމުގައި ބައިވެރިވި އެންމެހާ ފަރާތް ތަކަށް މި ޕާޓީ އިން ގޮވާލަމެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ލިބިފައިވާ މިނިވަން ކަން ބޭނުން ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވަރަށް ފުރިހަމަ އަށް ލިބިފައިވާ ހިނދު، އެކަމުން މިދާއިރާގެ ތޫޑު ގޮފީގެ ރައީސް އިބްރާހިމް ހަސަން އަލީ(މަންޑޭލާ) އިސްތިސްނާ ވެފައެއް ނުވެއެވެ. އެހައްގު އެންމެ ފުރިހަމަ އަށް އޭނާއަށް ވެސް ކަށަވަރު ކޮށްދެއެވެ.
އަޅުގަޑުމެން ގަބޫލު ކުރާގޮތުގައި މިކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ގެ ކުރިން ރައްޔިތުން ބޮޑު ހަމަ ނުޖެހުން ގަޑެއްގެ ތެރެއަށް ވައްޓާލައި،ޚާއްސަ ކޮށް ފުވައްމުލަކު އުތުރު ދާއިރާގައި ޑީއާރުޕީ ގެ މަގުބޫލު ކަން ދުވަހުން ދުވަހަށް ދަށަށް ދާތީ، މާޔޫސް ވެގެން ، މީހަކާ ޒާތީ ގޮތުން ދިމާކޮށްލުމެވެ. އަދި ޚާއްސަ ކޮށް ސަރުކާރުން ހުށައަޅާފައިވާ ތަރައްގީގެ ސިޔާސަތަށާއި، ފުވައްމުލައް ސިޓީ އަކަށް ބަދަލު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުމަށް ކަޑައެޅިގެން ޑީއާރުޕީ އިން ދެކޮޅު ހަދާފައި ވާތީ،ސިޓީ އަކަށް ތާއީދު ކުރައްވާ ޑީއާރުޕީ ބޭފުޅުން ނަށް ވެސް އޮޅުވާލުމަށްޓަކައި ކޮށްފައިވާ ފިޑި އަމަލެކެވެ.މިދާއިރާގެ ފަރާތުން ފުވައްމުލަކު ގެ ލޮބުވެތި ރައްޔިތުންނަށް ، ޚާއްސަ ކޮށް ސިވިލް ސަރވިސް ގެ ލޮބުވެތި މުވައްޒިފުނަށް މި ގޮވާލަނީ ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި، ގާނޫނު ތައް ނެގެހެއްޓުމަށް އަޅުގަޑު މެނާ އެކު ގުޅިގެން މަސައްކަތް ކޮށްދެއްވުމަށެވެ. ގާނޫނާއި ގަވައިދާ، އަދި އާއްމު އުސޫލާ ޚިލާފަށް ކުރާ އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީން ކަން ފުވައްމުލަކު ގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް.
ތާރީޚް:25 އޮކްޓޯބަރ 2010