ބައިނަލްއަޤުވާމީ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް

ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.

މި މުނާސަބަތުގައި އެމްޑީޕީއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކޮށްފައިވާ މަސައްކަތްތައް ފަހުރުވެރިކަމާއި އެކު ފާހަގަ ކޮށްލަމެވެ. މި ދުވަހުގެ ޝިޔާރަކީ “އިންވެސްޓް އިން ޕްރިވެންޝަން”، މި ޝިޔާރަކި އެމްޑީޕީގެ އުސޫލްތަކާއި މިންގަޑުތަކާއި ވަރަށް އެއްގޮތް ޝިޔާރެކެވެ. އަޅުގަނޑުމެން ގަބޫލުކުރަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ ސައިންސުގެ ހެކީގެ އަލީގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ވާންޖެހޭނެކަމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކަކީ ސިއްޙީ މައްސަލައެއްގެ ގޮތުގައެވެ. އަދި ދިވެހިރާއްޖެ ސޮއި ކޮށްފައިވާ ޔޫ.އެންގެ މުޢާހަދާތަކުންވެސް ބާރުއަޅަނީ މިމަގަށެވެ.

މިކަން މިހެން އޮތްހިނދު، ސަރުކާރުން މިނިސްޓްރީ އޮފް ހެލްތްގެ ދަށުގައި އޮތް ނެޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށްބަދަލު ކުރުމަކީ މި ޕާޓީއިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ޤާނޫނުގަ ބަޔާން ކުރާ ނެޝަނަލް ޑްރަގްސް ކޮންޓްރޯލް ކައުންސިލް އެކުލަވާލާފައި ނެތުމަކީ ވަރަށް ބޮޑު އިހުމާލެކެވެ.

އަޅުގަނޑުމެން މިސަރުކާރަށް މިގޮވާލަނީ އެމްޑީޕީއިން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ތަޖުރިބާ ކާރުންނާއި ޑަބްލިއުއެޗްއޯ އަދި ޔޫއެންއޯޑީސީއާއި އެކު ކޮށްފައިވާ ދިރާސާތަކާއި މަސައްކަތްތައް ތަންފީޒުކުރުމަށެވެ. އަދި މިއަހަރުގެ ޝިއާރާއި އެއްގޮތަށް ޕްރިވެންޝަން އިސްކޮށް ދުރާލާ މިކަމަށް ފިޔަވަޅު އެޅުމަށެވެ.