ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށްވާއިރު އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އަދި އިންޑަސްޓްރީގެ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް އޮތީ ވިއްކާލާފަ އެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ޤާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވެއެވެ. މި ޕާޓީން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.
” ލޭނު މަސްވެރިކަމަކީ ރާއްޖޭން ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމަށް އޮތް ބޮޑު ހުރަހެއް. އެއީ ތިމާވެއްޓާ ބީރައްޓެހި މަސްވެރިކަމުގެ ބާވަތެއް ކަމަށްވާއިރު މިއީ ރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ކުރަމުންދާ ‘ސަސްޓެއިނަބަލް ފިޝަރީސް’ އަށް ބޮޑު ނުރައްކަލެއް. ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ފަރާތްތަކަށް ލޭނު އަޅަން ފުރުސަތު ދިނުން ވެގެންދާނީ ރާއްޖޭގެ މަސްވެރިކަން އެއްކޮށް ހަލާކު ކޮށްލުމަށް ދެވޭ ފުރުސަތަކަށް. ލޭނު މަސްވެރިކަމުގެ ނިވަލުގައި ބޭރު މީހުންނަށް ރާއްޖޭގެ ކަނޑުތައް ވިއްކާލުން ކުށްވެރިކުރަން. މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް. ”
– ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މެމްބަރު
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ވެސް މި ޕާޓީން ސަރުކާރަށް ގޮވާލަމަވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް މި ޕާޓީން ސަރުކާރަށް އިލްތިމާސް ކުރަމެވެ.
އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސާލުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަން ހުއްޓާލައި ވީހާވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ.
ހަމައެހެންމެ، މި ޕާޓީގެ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް ގޮވާލަމެވެ.
މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނާގާބިލުކަމުގެ ސަބަބުން ސަރުކާރަށް ނުކުޅެދިފައިވާއިރު، ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރަން މި ޕާޓީން ގޮވާލަމެވެ.
މަސްވެރިންގެ ހައްގުތައް ހޯދައި އިންޑަސްޓްރީ ހިމާޔަތް ކުރުމަށް އިހުތިޖާޖުކޮށް އެ މީހުންގެ އަޑުއުފުލުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައި އޮންނަން ޖެހޭނެއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ކުރަމުންދާ މުޒާހަރާއަށް ފުރުސަތު ދީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް ގޮވާލަމެވެ