ވަގުތުން ނެރުމަށް
MDP-2010-PR-0030ނަންބަރު:
ތާރީޚް: 24 އޮކްޓޯބަރ 2010 (އާދީއްތަ)
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާން ފަހުމީއަށް ދިން ހަމަލާ ކުށްވެރިކުރުން
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ އެމަނިކުފާނުގެ ދާއިރާއަށް ވަޑައިގަތުމުން، މިއަދު ސ.ފޭދޫން އެމަނިކުފާނަށް ދިން ހަމަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
މިގޮތުން ސ. ފޭދޫގައި ބަޔަކު ވަނީ އަލްހާން ފަހުމީއާއި ހަޑިހުތުރު ބަހުން މުޚާޠަބުކޮށް އެމަނިކުފާނާއި ދިމާލަށް ވެލިއުކައި އަދި އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައެވެ.
އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން މިދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށެވެ. އަދި މި ނިޒާމުގެ ތެރެއިން ގިނަ ޕާޓީތަކުން އިންތިޚާބު މެދުވެރިކޮށް، ސިޔާސީ މަޤާމްތަކަށް މީހުން އައްޔަންކޮށް، ދެފުށްފެންނަ އިންސާފުވެރި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ބައްޓަން ވެގެން ދިއުމަކީ އެމްޑީޕީން އަބަދުވެސް ދެކެން ބޭނުންވާ ބޮޑު މަންޒަރެކެވެ. އަދި އެއް ޕާޓީން އަނެއް ޕާޓީއަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ދިނުމަކީ މިދެންނެވި ނިޒާމުގެ އެއް އަސާސް ކަމަށް މިޕާޓީން ދެކެމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން އެމްޑީޕީއަށް ޚިދުމަތްކުރެއްވުމަށްފަހު ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އެމްޑީޕީއާ ވަކިވެވަޑައިގެން އެހެން ޕާޓީތަކާ ގުޅިވަޑައިގެންފައެވެ. އަދި މިފަދަ ފަރާތްތަކަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ ފަރާތުން ޖެއްސުންކޮށް، ފުރައްސާރަކުރަމުން ނުދާ ކަމާއި، އެހެން ޕާޓީތަކުން އެމްޑީޕީއަށް ބަދަލުވެވަޑައިގަންނަވާ މެންބަރުންނަށް އެމްޑީޕީގެ މެންބަރުން އަދާކުރައްވާ މެޙްމާންދާރީއަކީ އެމްޑީޕީއަކީ ތަސައްރަފް ފުދިފައިވާ ޕާޓީއެއް ކަމާއި، މިޕާޓީގެ ލޮބުވެތި މެންބަރުންނަކީ ޑިމޮކްރަސީގެ ރީތި ހަމަތަކާއި، އުސޫލުތަކަށް ތަބާވާ މެންބަރުން ކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.
މިޕާޓީން ދެކޭ ގޮތުގައި، އަލްހާން ފަހުމީއަށް މިއަދު އެދިން ހަމަލާ އަކީ ޅަފަތުގެ ދުވަސްތައް ގުނަމުންދާ ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަރާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގި ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި މިފަދަ ޢަމަލުތައް ޑީއާރުޕީއާއި އެޕާޓީއާއި ގުޅިފައިވާ ފަރާތްތަކުން ހިންގަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް އެމްޑީޕީގެ މެންބަރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެއެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާ ދައްކަމުން ގެންދާ ޕާޓީއަށް ވާތީ މިޕާޓީގެ މެންބަރުން ކުރިޔެކޭ ވެސް އެއްފަދައިން މިޕާޓީއާއި ވަކިވެވަޑައިގެންފައިވާ މެންބަރުންނަށް އިޙްތިރާމްކޮށް، އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާދައްކަވާ ބައެއްގެ ގޮތުގައި ތިއްބެވުމަށް ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އިލްތިމާސްކުރައްވައެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް