އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާޙިދު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއާ މިއަދު ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމް.ޑީ.ޕީ.އަށް ނިސްބަތްވެވަޑައިގަންނަވާ، ޙިސާން ޙުސައިންއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އައްޔަނުކޮށްފައިވާ މެންބަރެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެކަމަނާގެ ދައުރު ނިމުމަކަށް އައުމާ ގުޅިގެން މިއަދު މެންދުރު ފަހު ޖުޑިޝަލް ސަރވިސް ކޮމިޝަންގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، މި ނިމިގެންދިއަ ދައުރުގައި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފެއެވެ.

ނިމިގެން ދިޔަ ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޛުކުރުމަށް އެކަމަނާ އަދާކޮށްފައިވާ ދައުރާއި ކޮށްދެއްވާފައިވާ މައްސައްކަތަށް ޕާޓީގެ ރައީސް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު އިޞްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ކޯޓުތަށް ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހެދުމަށް ހިންގި ކޯޓް މޮޑެނައިޒޭޝަން ޕްރޮޖެކްޓްގެ ތެރެއިން އޮންލައިކޮށް ޝަރިއާތްކުރުން ތައާރަފްކުރުމާއި، ޝަރީއަތްތަށް މަހުޒަރުކުރުމަށް ކޯޓުތަކުގައި ސްޕީޗް ޓު ޓެކްސްޓް ބޭނުންކުރަން ފެށުމާއި، އިންޓަރގެރޭޓަޑް ކޯޓް މެނޭޖްމަން ސިސްޓަމް ގާއިމުކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ އަޑުއެހުންތައް އިންޓަނެޓުގައި ލައިވްކާސްޓްކުރުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އަދި، އެމް.ޑީ.ޕީ.ގެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެކަމަނާ ކުރައްވާފައިވާ މައްސައްކަތް ފާހަގަކުރައްވައި، 2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުނގެ އަދަދު ދުވިސައްތަ އިންސައްތަ އިތުރުކުރެވިވާކަމާއި ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުން ތިރުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ މިހާރު ދެފުއްފެންނަ، ހާމަކަމާއެކު އެކޮމިޝަންގެ މަސައްކަތް ކުރާ އަދި ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ތަނެތްގޮތަށް ފާހަގަ ވެގެން ދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން،ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޝަރުއީ ދާއިރާއަށް އެކަމަނާ ކޮށްދެއްވި ބުރަ މަސައްކަތަށް އެމް.ޑީ.ޕީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ޖުޑިޝަލް ސަރވިސްކޮމިޝަންގެ ފުރަތަ އަންހެން ރައީސްއަކީ، އަދި އެކޮމިޝަންގެ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ މެންބަރަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކަށް ވުމީ އެޕާޓީއަށް ލިބުނު ޝަރަފެއްކަމުގައި ޝާހިދު ވަނީ ވިދާޅުވިއެވެ.

26 މެއި 2024