ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ނޫސްވެރިންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަރިސްކުރަމެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި, މުހިންމު މަސައްކަތްތަކެއްކަން މި ޕާޓީން ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ.
ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުން ކުޑަ ހިތްވަރުގަދަ ނޫސްވެރިންނާ އެކު މި ޕާޓީން ކޮށްފައިވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެކެވެ. އެ ކަންކަމުގެ މައްޗަށް ބިނާކޮށް މި ޕާޓީގެ ދެ ވެރިކަމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދެވުނެވެ.
އެހެން ނަމަވެސް, މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު, ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން, ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ވަނީ ހުރަސް އަޅާފަ އެވެ.
ވަކިން ހާއްސަކޮށް, ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި, ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ.
އޭގެ އިތުރުން, ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލަމެވެ.
ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ދިވެހި އެންމެހާ ނޫސްވެރިންނަށް މި ޕާޓީން ޝުކުރު އަދާކުރަމެވެ. ކުރިއަށް އޮތް ތަނުގައި ވެސް ތިގޮތުގައި ދެމިތިބެ ވަރުގަދަ ނޫސްވެރިކަމެއް ކުރައްވާނެ ކަމަށް މި ޕާޓީން އުންމީދު ކުރަމެވެ.
އެމްޑީޕީން ގަބޫލުކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށްވާއިރު އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ. ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި މި ޕާޓީ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

03 މެއި 2024