ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީއެވެ.
އެކަމަށް ހެކިދެނީ މަސައްކަތްތެރިންގެ ހައްގުތަކަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އަހަމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައި 2008 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ތަފާތު އެކި ސިޔާސަތުތައް ތަންފީޒުކުރެވުނެވެ.
އެއަށްފަހު 2018 ވަނަ އަހަރު އުފެދުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 2 ވަނަ ސަރުކާރުގައި މި ޕާޓީގެ ފުރަތަމަ ސަރުކާރުގައި ތަންފީޒުކުރެވުނު ސިޔާސަތުތަކުގެ މައްޗަށް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ހަރުދަނާކުރެވި ބޮޑެތި ބަދަލުތަކެއް ގެނެވުނުވެ. މިގޮތުން, އެންމެ ފުރަތަމަ ފަހަރަށް ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ބެހުމާއި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން 6 މަސް ދުވަހުގެ މެޓާރނިޓީ ލީވް ދިނުންފަދަ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރަން ފެށިފައިވާނެއެވެ.
މަސައްކަތްތެރިންގެ ހައްގުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި އަމަލުކުރަން ފެށުމެވެ. މި ދެ ގާނޫނަކީވެސް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ކަށަވަރުކުރެވިގެންދާނެ ދެ ގާނޫނެކެވެ.
ނަމަވެސް, ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މިވީ 6 ވަރަކަށް މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅުތައް އަޅާ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ މަންޒަރެވެ. މިކަންކަމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމެކެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައިވާނަމަ އެ ފަރާތުން މި ޕާޓީއަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެމަސައްކަތް މި ޕާޓީއިން ކުރިއަށް ގެންދާ ވާހަކަ މި ފުރުސަތުގައި ތަކުރާރުކޮށްލަމެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް ގޮވާލަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހައި ފުރުސަތުތަކަށް ޖާގަދެއްވާ ސިޔާސީ ފިކުރަށް ބަލައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ.