ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައަޅާފައިވަނިކޮށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެކަން ހުއްޓުވައި, ތިނަދޫ އަށް ލިބެންޖެހޭ ސިޓީއެއްގެ ދަރަޖަ ހިފަހައްޓާފައިވަނިކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް, ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅިގެން ދިއުމުން ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި ތިނަދޫ ސިޓީގެ މޭޔަރ އަދި ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ތިނަދޫ އަކީ ސިޓީއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހިފަހައްޓާފައިވަނީ ތިނަދޫ ސިޓީއަށް ލިބެން އޮތް ކުރިއެރުމަށް ހުރަސްއެޅުމަށާއި ލާމަރުކަޒީ ނިޒާމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ބީރައްޓެހިކަމުންނެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައިވަނީ ހަމައެކަނި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުތަކުގައި އެކަނިކަން ފާހަގަކުރަމެވެ. އަދި އައްޑޫ އަކީ ވަކި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ފަހަރުވެސް އެމްޑީޕީއާ ދެކޮޅު ސިޔާސީ ފިކުރުތައް ތިބީ ސިޓީއެއްގެ ދަރަޖަ އައްޑޫ ސިޓީއަށް ދިނުމާ ދެކޮޅަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީވެސް ލާމަރުކަޒީ ސިޔާސަތާ ދެކޮޅު ބީރަށްޓެހި ވިސްނުމެކެވެ. އަދި ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ކައުންސިލްތަކަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަނޑުކުރުމެވެ.