ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް މިއަދު (23 މާރޗް 2024) ގައި އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި މި ޕާޓީގެ ކެންޑިޑޭޓްގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، މި ޕާޓީގެ ކެންޑިޑޭޓްގެ ކެމްޕެއިންއަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިކަން މިގޮތަށް ހިނގާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ މި ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފު އަމަލުތައް ކުށްވެރިކޮށް މި ޕާޓީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވެއެވެ. އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައެވެ. ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މައްސަލަ ހުށަހަޅާފައެވެ.
އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ މި އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް މި ފުރުސަތުގައި ގޮވާލަމެވެ.
ހަމައެއާއެކު، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގުގަނެ، ސުލްހަވެރި ކެޕްމެއިން އެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ޚާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ގޮވާލަމެވެ.