ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން އަނބުރާ ގެންދިއުމަށް އެލްޖީއޭއިން އެންގި އެންގުން ކުށްވެރިކުރުން

ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ކެމްޕެއިން ކުރެއްވުމަށް ކުރައްވަމުންގެންދާ ދަތުރުތަކެއްކަމަށާއި އަދި އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ނޫސްބަޔާން އަނބުރާ ގެންދިއުމަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީއިން އެ ކައުންސިލަށް އެންގި އެންގުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކުށްވެރިކުރަމެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުންވެސް މި ޕާޓީއިން ފާޅުކުރި ކަންބޮޑުވުމަކީ ރައީސް ޑރ. މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައެވެ.

ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ސުވާލުކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއްކަމަށް މި ޕާޓީން ދެކެމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ “އެޓޯލްސް” މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި “އެޓޯލްސް” މިނިސްޓްރީ އުވާލުމަށެވެ.