މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ވީއެންމެ އަހަށް ދޫކުރުމަށް ގޮވާލައި ނެރޭ ނޫސްބަޔާން

ރަމަޟާން މަސް ބޯމަތިވެފައިވާއިރު މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި, ވީއެންމެ އަވަހަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީއިން ގޮވާލަމެވެ.
ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުންނެވެ. އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވެ އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ވަނީ ހިލާފުވެފަ އެވެ.
މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަން މިއީ ހަގީގަތެކެވެ. މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދިޔުން މި ޕާޓީން ބަލައެއްނުގަންނަމެވެ.
މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދައި އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް މިޕާޓީން ކުށްވެރި ކުރަމެވެ. އޭގެ އިތުރުން, ރަމަޟާން މަހަށް ފަހު މަސް ގަންނަ އަގު 15 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް މަސްވެރިންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ދޭން ޖެހޭ ހަމަ އަގު އަދާކުރުމަށް ހަރުއަޑުން މި ޕާޓީން ގޮވާލަމެވެ.