މެންބަރުންގެ ޚިޔާލު: ނޭފަތުން މައްޗަށް ފެންނާރަނީސް ވިސްނާން ވެއްޖެއެވެ.

ލިޔުނީ: ފުނަމާ

އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާ ކުރުވުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައިގެން ފެށި މަސައްކަތުގައި ފޮރުވިފައިވަނީ ކޮންކަމެއްކަން މިއަދު މިވަނީ މިޤައުމުގެ އެންމެންނަށްވެސް އެނގިފައެވެ. އަމިއްލައަތުން ގެއްލިގެންދިޔަ ބާރާ އަނިޔާވެރި ވެރިކަން އަލުން އަނބުރައި އިއާދަކޮށް ޑިމޮކްރެސީ ނައްތާލައި މުޅި ގައުމު ފަސާދަކުރުންނޫން އެހެން އެޖެންޑާއެއް އެމީހުންގެ ނެތްކަން މިއަދު މިދަނީ އެނގިފާޅުވަމުންނެވެ.
ދައުލަތުގެ ކަންކަން އެންމެ ފުރިހަމަގޮތުގައި ސަރުކާރުން ހިންގުމުގައި އިހުމާލު ވަމުންދާނަމަ ސަރުކާރު ޒިންމާދާރުކޮށް ކަންކަން ރަނގަޅުމަގަށް އެޅުވުމުގައި ޚިޔަލާ މަޝްވަރާ ދިނުމަކީ ޑިމޮކްރެސީއެއްގައި އިދިކޮޅު މައިޕާޓީއެއްގެ ނުވަތަ އެހެންވެސް ސިޔާސީ ޕާޓީތަކުގެ ވާޖިބެއްގެ ގޮތުގައި އޮންނަނީ މިނިޒާމުގައި ބެލެވިފައެވެ. މިގޮތުން މިއަދު މިސަރުކާރުން ހިންގާ ކަންކަމާމެދު ސީދާ އެމްޑީޕީންވެސް ސަރުކާރަށް ޚިޔާލާ މަޝްވަރާދޭންޖެހޭނެއެވެ.
ޕާޓީތަކުންނާއި އާންމުންގެ ފަރާތުން ސަރުކާރު ޒިންމާ ދާރު ކުރުވުމުގެ މެންޑޭޓް ރަސްމީ ގޮތުން ޙަވާލު ކުރެވިފައި އޮންނަނީ ގާނޫނު ހަދާ މަޖްލިސްއަށެވެ. މިމަޖްލިހަކީ މިކަމުގައި ފިސާރި ތަސައްރަފުފުދޭ އަދި ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އަޅާ ބަޔެއްގެ ގޮތުގައި ރައްޔިތުން ދެކޭން ބޭނުންވާނެއެވެ. އަދި އެމަޖްލިހުގެ މެންބަރުންނަކީ ތިމާމެންގެ އަމިއްލަ ޒާތީ މަސްލަޙަތާ ޕާޓީގެ މަސްލަޙަތު ހަމައެކަނި ޙިމާޔަތް ކުރާ ބަޔަކަށްނުވެ ރައްޔިތުންގެ ޙައްޤުގައި ޤައުމުގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަންކުރާ ބަޔަކަށް ވުމަކީ ޤައުމު ސީދާމަގުން ކުރިޔަށް ގެންދިއުމުގައި ކޮންމެހެން ބޭނުންކަމެކެވެ.
ކަންމިހެން އޮންނައިރު މިމަޖްލީހުގައި ބައިވެރިވާ ސަރުކަރާ އިދިކޮޅު މެންބަރުން ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރު ވައްޓާލުމަށާ ވެރިކަމުގެ ބާރުތައް ނިގުޅައިގަތުމަށް ތާއަބަދު މަސައްކަތް ކުރާނަމަ އެމީހުންގެ ތާއީދު ކުރިމަގުގައި ގެއްލިގެންދާނޭ ކަމާމެދު ޝައްކެއްވެސް ނެތެވެ. ހަމައެފަދައިން ސަރުކާރަށް ތާއީދު ކުރާ މެންބަރުންވެސް ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ނުކޮށް ދާގޮތަކަށްދާން ދޫކޮށްލައިގެން ތިބޭނަމަ އެފަރާތްތަކާ މެދުވެސް މީހުންދެކޭގޮތްދާނީ ބަދަލުވަމުންނެވެ.
ކަން އެކިމީހުން އެކިގޮތައް މާނަކުރިކަމުގައި ވީނަމަވެސް މިއަދު ކަންހިގަމުން މިދާގޮތުން ރައްޔިތުން މިހާރަށްވުރެ ބޮޑަށް ވިސްނައި ފިކުރު ހިންގާން އެބަޖެހެއެވެ. އަލަށް ބަލައިގަތް ނިޒާމެއްގެ ދަށުން ދިވެހީން މިކުރާންފެށި ވެރިކަމުގައި މާގިނަދުވަހެއްނުވެ ސިއްކަޖެހި އަނެއްކާވެސް އެހެންގޮތްތަކެއް ޚިޔާރުކުރާން ޖެހިއްޖެނަމަ ދެންއެކަމުގެ ދެމިއޮތުމުގެ އިތުބާރެއް ރައްޔިތުންނަކަށް ނޯންނާނެއެވެ. މިހާރު މިއެޅިފައިވާ ބިންގާ އަނެއްކާ އެއްލާލައި އެހެންގޮތަކަށް މިގައުމުގެ ކުރިމަގު ބައްޓަންކުރާން އުޅޭނަމަ އެކަމަކީ މާފަސޭހައިން ކުރެވޭނެ ކަމެއްނޫނެވެ. ދުނިޔޭގެ ފާޑުކިޔުމާ ރައްޔިތުންގެ ފާޑުކިޔުން އިތުރުވެ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނޭ ކަމެއްކަން ގައިމެވެ.
ނަމަވެސް މިއަދު މިޤައުމު މިއޮތް ހާލަތުން ރައްޔިތުން މިތިބޭން ޖެހެނީ ހަތަރު އަނގޯޅިއެއްގެ މެދުގައި އާގަމަވެފައެވެ. ދެދުވަހު ރަނގަޅުވީ ކަމުގައި ހިތައިގެން ހިންހަމަ ޖައްސާލައިގެން ތިއްބައި ތިންވަނަ ދުވަސް މިފެންނަނީ ހަމަނުޖެހުމާއި އެކު މުޅި ގައުމު ހަލަބޮލިވެގެންދާ ދުވަހެއްގެ ގޮތުގައެވެ. ދުނިޔެދިގިއްޔާ ދިގުވާގޮތަކަށް ސިލްސިލާކޮށް މިކަން މިގޮތައް ހިނގަމުން ދާނަމަ ކޮންމެވެސް އެއްދުވަހަކުން މިކަން ނިމިގެންދާނީ އުންމީދުތައް އާކޮށްގެން މިތިބަ ރައްޔިތުންގެ އަރުގައި ހިތިރަހަ ލައްވައި ލޮލުން ކަރުނަ އޮހޮރުވާފައި ކަމުގައި ގަބޫލުކުރާން އެބަޖެހެއެވެ.
މަޖްލީހުގެ އެތެރޭންނާއި ބޭރުން އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ކުރަމުން އެގެންދާ މަސައްކަތްތަކަށް ފުންކޮށް ބަލާލާއިރު އެއްބަސްވެވޭކަށް ނެތެވެ. ސަރުކާރު ޒިންމާދާރު ކުރުވުމަކީ އަބަދުވެސް ސަރުކާރު ހުއްޓުމަކަށް ގެނެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ހުއްޓާލުން ކަމުގައި ވާނަމަ މިކަން ގަބޫލުކުރާން ފަސްޖެހޭން މަޖުބޫރުވާނެއެވެ. ހަމައެފަދައިން އެއްދުވަހުން އަނެއްދުވަހަށް ގައުމު ހޫނުވެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އެހީތައް މެދުކެނޑިގެންދާން ދޫކޮށްލައިގެން ސަރުކާރު ހިންގާ ޕާޓީން އޮންނަނަމަ ސަރުކާރާ މެދު ރައްޔިތުން ދެކޭން ބޭނުންވާ ގޮތަށް ބަދަލު އަންނާނެއެވެ.
ބަލަމާހިނގާށެވެ. ވަށްކަންކުރާ މީހުން ހިފައި ހައްޔަރުކުރަނީ ހަމައެކަނި އެމީހުންނަށް އަދަބު ދިނުމަކަށް ނޫނެވެ. އެމީހުންގެ ކިބައިން ރައްޔިތުންގެ މުދާ ސަލާމަތްކޮށްދީ ރައްޔިތުންގެ ހަމަޖެހުމަށް އުންމީދު އާކޮށްދިނުމުގެ ގޮތުންނެވެ. މިވެސް ޚިދުމަތެކެވެ. އެހެންކަމުން ރައްޔިތުންނަށް އަމާންއޮމާން ކަމާއެކު ދިރިއުޅުމަށް ބޭނުންވާ ކަންކަން ހުއްޓުވައި ދަތިކުރުމަށް ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް އެކަމެއް ހުއްޓުވުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައި އޮންނާނެ ޒިންމާއެކެވެ. އެގޮތުން ފާޅުގައި ޤާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާއިރު މިހާރަށްވުރެ ބޮޑަށް ފިޔަވަޅުއެޅޭނެ ގޮތެއް ސަރުކާރަށް އޮންނާންވާނެއެވެ. އެކަމަކީ ކާފިއުއެއްގެ ދަށުންނަމަވެސް ކުރާންޖެހޭނެ ކަމެކެވެ. މިކަންކަމަށް ޤާނޫނެއްނެތޭ ބުނެ ދޫކޮށްލުމުގެ އެއްވެސް ޙައްޤެއް ސަރުކާރަކަށް ނޯންނާނެއެވެ. އެހެނީ ޤާނޫނެއް ނެހެދިއޮތުމަކީ ރައްޔިތުން އެކަމުގެ ޝިކާރަޔަކަށް ވާން ދޫކޮށްލެވޭނެ ކަމެއްނޫނެވެ. ޤާނޫނެއް ބޭނުންވަނީވެސް ރައްޔިތުންގެ ހަމަޖެހުމަށެވެ. ޤާނޫނެއް ނެތަސް ރައްޔިތުންނަށް ހަމަޖެހުން ލިއްބައި ދެވޭނަމަ އެބޭނުން ފުދުނީތާއެވެ.
ވެރިކަން ޒިންމާދާރު ކުރުމުގެ ނަމުގައި މިއަދު އިދިކޮޅު ފަރާތްތަކުން ނުކުމެ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މަރުކަޒު ތަކަށް ހަމަލާދޭން ރައީސުލް ޖުމްހޫރިއްޔާގެ ގަނޑުވަރަށް ހަމަލާދޭން އެކުރާ މަސައްކަތްތަކާއި ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ އިދާރާއަށް ކަޅުތެޔޮ ޖެހުމަކީ ޒިންމާދާރު ކުރުވުމަށްވުރެ ބަޣާވާތެއް ގެންނާން ބޭނުންވެ ކުރާކަމެއްގެ ގޮތުގައި ސިފަވަމުން އެބަދެއެވެ. އަދި ޚޮދު އެމީހުންގެ ތެރެއިން މިކަމުގައި ޚިޔާލު ތަފާތުވެ ދެކެވޭ ވާހަކަތަކުން މިކަމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ވާކަން އެބައެނގެއެވެ. ފަހަރެއްގައި މިކަމަކީ ތިމާމެންގެ އޮޅީގެ ތެރޭގައި ޚިޔާލުތަފާތުވެ ހިނގަމުންދާ އެތެރޭގެ ދެބަސްވުންތައް ނައްތާލުމަށް ބޭނުންކުރާ އުކުޅަކަށް ނުވަތަ ބަޣާވާތެއް ގެނައުމަށް ރާވައި އެކަމަށް ހަށިހޫނު ކުރުމުގެ ގޮތުން ކުރާ ކަމެއްނަމަ މިހާރަށްވުރެ ބޮޑަށް މިކަމާމެދު ވިސްނާން އެބަޖެހެއެވެ. ސަބަބަކީ ތިމާމެންގެ އަމިއްލަ އެޖެންޑާއަކާ ގުޅިގެން މުޅިގައުމު ފަސާދައިގެ ވަޅުގަނޑަކަށް ވައްޓާލުން ނޫންކަމެއް މިކަމުގެ ސަބަބުން ނުވާތީއެވެ.
ސަރުކާރުންނާއި ސަރުކާރު ހިންގާ ޕާޓީން މިއަދު މިކަމުގައި ވިސްނައިގެން ފިސާރި އަވަސް ފިޔަވަޅުތަކެއް އަޅާން އެބަޖެހެއެވެ. ނޫންނަމަ އެއްދުވަހުން އަނެއްދުވަހަށް މިކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަންލިބި ސަރުކާރަށް ކުރަމުންގެންދާ އިތުބާރު ގެއްލުމަށް މަގުފަހިވެގެން ގޮސް ހަމައެޔާއެކު ޑިމޮކްރެސީގެ ޅަފަތުގައި އެއަށް އިތުބާރު ގެއްލި އަނެއްކާވެސް ޚޮދުމުޚުތާރު ކަމެއްގެ ތެރެއަށް ޤައުމު ހިނގައިދާނެއެވެ. ގައުމުގައި ހަމަނުޖެހުންތައް ހިންގައި އޭގެސަބަބުން ރައްޔިތުންގެ ނޭފަތުން މައްޗަށް ފެންނާރަނީސް މިކަން ހުއްޓުވާން ވެއްޖެއެވެ.