ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ ސަރުކާރުގެ ޕްރޮގްރާމްތައް ހުއްޓި އެންމެ ރަށެއްވެސް ތަރައްގީއެއް ނުވާނެ!

23 އޮކްޓޯބަރ 2010

ޢަބްދުﷲ ޖުނައިދު

land-reclemation

އަންނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ސީދާ ރަށްތަކުގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިއްމު އަސާސެވެ.
މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ މިސަރުކާރުގެ ބާކީ އޮތް ދުވަސްތައް ވެގެންދާނީ ދިވެހިންނަށް ހަޖަމުވެސް ނުކުރެވޭނޭ ފަދަ ދެރަ ނިކަމެތި ދުވަސްތަކަކަށެވެ. އެމްޑީޕީގެ ސަރުކާރެއްގައި ރަށްރަށުގެ އެޑްމިނިސްޓްރޭޓިވް ކަންތައްތައް ކުރަންޖެހޭނީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ގެންގުޅޭ، ތަޢުލީމީ ބައެކެވެ. ނަމަވެސް ނުބައި ވިސްނުމުގައި ތިބި އިދިކޮޅު ޑީއާރުޕީގެ ބަޔަކު މިއިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބުކޮށްފި ކަމަށް ވާނަމަ އެރަށެއް ތަރައްގީއަށް ކިތަންމެ ހުރަހެއް ކުރިމަތިވާނެއެވެ. ކިތަންމެ ވަރަކަށް އެރަށެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރިކަމުގާވިޔަސް، އަދި ސަރުކާރުން އެކަން ކުރަން އުޅުނަސް އެކަމެއް ނުވާނެއެވެ. ސަބަބަކީ ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ ތަރައްޤީގެ ޕްރޮގްރާމްތައް ހުއްޓުވުމަށް ޑީއާރުޕީ މަސައްކަތް ކުރާނެތީއެވެ. ޑީއާރުޕީ ފާލުން ނެއްޓުމުގެ ސަބަބުން މިއަދު ސަރުކާރު ހިންގަމުންދާ ޕާޓީއަށް ހުރަސްތަކާ ކުރިމަތިކުރުވަން މަސައްކަތްތަކެއް ރާވަމުންދާތީ އެވެ. އެހެންކަމުން އަމިއްލަ ފައިމައްޗަށް ތެދުވެ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންނަމަ މިއިންތިޚާބުގައި ވޯޓު ދޭންވާނީ ސަރުކާރުގެ ވިސްނުމުގައި ހުރި މީހަކަށެވެ.
ކުޑަކުޑަ މިސާލެކެވެ. އެމްޑީޕީގެ ސަރުކާރަކީ މި ދިވެހިރާއްޖެ މިއިން ދުވަހަކުވެސް ނުދެކޭފަދަ އިޚްލާޞްތެރި ސަރުކާރެއްކަން އެނގިހުރެވެސް، ޑީއާރުޕީން އެ ގެންދަނީ މިސަރުކާރު ވައްޓާލައި ކުރީގެވެސް ޚުދުމުޚުތާރު ގޮތްގަނޑު ގެންގުޅުމަށް މަސައްކަތް ކުރަމުންނެވެ. ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅަމުންވެ. ވީއިރު، މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިހާވަރަށް ހުރަސް އަޅަމުންދާ ބަޔަކަށް ރަށު ކައުންސިލުގައި ވޯޓު ދީގެން އެމީހުން ހޮވައިފިނަމަ އެރަށުގެ ފަޅު ކޮންނެވުމަށް ސަރުކާރުން ފޮނުވާ ސާމާނުތައް ހަލާކުކޮށް، ނުވިތަނުގައި ކޮންނަބޯޓެއް ފޮނުވައިފިނަމަ އޭގެ ހޮޅިވެސް ފަޅާނުލާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ހަމަޔަގީނުންވެސް މިސަރުކާރުގެ ޕްލޭންތައް ފުނޑުފުނޑު ކޮށްލަން އުޅޭ ބަޔަކު އެފަދަ އަދި އެއަށްވުރެ މާ ނުބައި ކަމެއްވެސް ކޮށްފާނެއެވެ.
ތަސްމީނު އަލީމެންފަދަ ދުރުވިސްނޭ ބޭފުޅުންވެސް މިއަދު އެތިއްބެވީ ވަކި ގޮތަކަށް ހޭނިފައެވެ. ރަށްރަށަށް ވަޑައިގެން ތަރައްގީއާއިގެން ކުރިޔަށް ދެވޭނީ އެމްޑީޕީގެ ވިސްނުމާއި އިދިކޮޅުހަދައި ޑީއާރުޕީއަށް ވޯޓު ދީގެންނޭ ވިދާޅުވާއިރު، ސަރުކާރާއި ގުޅިގެން ނޫނީ އެތަނެއް ކުރިޔަކަށް ނުދާނެކަން ނޭނގޭ ދިވެއްސަކު މިރާއްޖެއަކު ނެތެވެ. ކުރިން ރައްޔިތުން ވާވައްދާފައި ތިއްބަސް މިހާރު އެންމެންނަކީވެސް ވަރަށް ހޭލުންތެރި ބައެކެވެ.
ސަރުކާރުން ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިޔަށް ރާވާފައިވާ މިދަނޑިވަޅުގައި އެންމެ މުހިއްމު ކަމެއް ދޭނަވާނީ އެޕްރޮޖެޓްތައް ހިންގައި ހުރިހާ ރަށަކުންވެސް ޒަމާނީ ތަރައްގީގެ ކުލަވަރު ފެންނަން ކަމަށްވާއިރު، އަޅުގަނޑުމެންނަށް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން ކެނޑިޑޭޓަކު ހޮވައިފިނަމަ އޭނާގެ ސަބަބުން އެޕްރޮޖެކްޓްތައް ނުޖެއްސިދާނެ ކަމުގެ ބިރު އެބައޮތެވެ. އެއީ އެންމެ މީހަކުވެސް އިދިކޮޅު ހަދައިފިނަމަ ސަރުކާރަށް އެކަމެއް ކުރުމަށް ދަތިތަކާ ކުރިމަތިވާނެއެވެ.
މިއިންތިޚާބުގައި އަޅުގަނޑުމެން އެމްޑީޕީއަށް ވޯޓު ދޭންވީ މިސަބަބާ ހެދިއެވެ. 2013.