ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ ޖަލްސާ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޮއިކޮޓް ކުރުމަށް ނިންމުން.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި، މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުމާއި، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުންނެވެ.