އެމްޑީޕީގެ ޗެއަރޕާސަން އަށާއި، އެޕާޓީގެ ވަގުތީ ރައީސް އަށާއި މެންބަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

23 އޮކްޓޯބަރ 2010

އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ރައީސް ނަޝީދާއި ޗެއަރޕާސަން ބައިވެރިވެވަޑައިގަންނަވަނީ .. /ފޮޓޯ އަނދާ
އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ރައީސް ނަޝީދާއި ޗެއަރޕާސަން ބައިވެރިވެވަޑައިގަންނަވަނީ .. /ފޮޓޯ އަނދާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްއާ ކުރިމަތިލާއިރު، އެޕާޓީން ސީދާ ވޯޓަށްގޮސް ދާއިރާތަކުގެ އިންތިޚާބު ބާއްވައި އެދާއިރާތަކަށް މެންބަރުން އިންތިޚާބުކޮށްފައިވާތީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމްޑީޕީގެ ޗެއަރޕާސަން އަށާއި، އެޕާޓީގެ ވަގުތީ ރައީސް އަށާއި މެންބަރުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ އެމަނިކުފާނު ދެއްވި 71 ވަނަ ހަފްތާގެ ރޭޑިއޯ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެބޮޑު އެއްވަޒީފާއަކީ ނުވަތަ އެންމެބޮޑު އެއްބޭނުމަކީ، އެޤައުމެއްގެ ސިޔާސީ މަޤާމްތަކަށް އިސްވާނެ ޤާބިލް ބޭފުޅުން އެކިތަންތަނުން ހޯދައި، އެ އިންތިޚާބުތައް މެދުވެރިކޮށް އެބޭފުޅުންނަށް މަޤާމުތަކަށް އައުމަށް، މަގުފަހިވާނެ ގޮތްތައް ފުރިހަމަކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ހަމަ ވަރަށް އުފަލާ އެކީގައި މަރްޙަބާ ދަންނަވަން ބޭނުން، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަނަށާއި، ޕާޓީގެ ރައީސަށާއި އަދި ޕާޓީގެ އެންމެހާ މެންބަރުންނަށް. އެނގިވަޑައިގަންނަވާނެ، ޕާޓީގެ ކޮންގްރެސްއާ އެޕާޓީ އެކުރިމަތިލަނީ. ލާއިރުގައި އެޕާޓީ މިހާރު އެވަނީ ޕާޓީގެ ބައެއް މަގާމުތަކަށްވެސް އަލުން އަނބުރާ ހަމަ ސީދާ ވޯޓަށްގޮސް، އިންތިޚާބުތައް ބާއްވައި، މެންބަރުން އިންތިޚާބުކޮށްފައި.” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ޕާޓީއަކުންވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާނީ، ލޯކަލް އިންތިޚާބުގައި، އެ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތާއި އަދި އެވާދަ ކުރުމަށްޓަކައި ކެމްޕެއިންތައް އިންތިޒާމްކޮށް، ރާވައި ހިންގާނެ އުޞޫލުތައް ކަނޑައަޅައި، މިމަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ކިތަންމެ ބޭނުމެއް ހުންނަކަމަށާއި، އެގޮތުން އެންމެ މުހިންމު އެއްބޭނުމަކީ، އިންތިޚާބުތަކަށް ކެންޑިޑޭޓުން ބިލްޑް ކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވަކިވަކި ފަރުދުންގެ ގޮތުގައި ސިޔާސީ މަސައްކަތް ކުރުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އިންތިޒާމުވެގެން، ޖަމާޢަތެއްގެ ގޮތުގައި ޕާޓީއެއްގެ ގޮތުގައި ނޫނީ ފުރިހަމަ ސިޔާސީ ޙަރަކާތް ރަނގަޅަށް ހިންގިފައި ހުރި ތަނެއް އިންސާނީ ތަޖްރިބާ ދައްކާފައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް މިއީ، މި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދި، މި ފައްކާވަމުން އަންނަ އައުން. އަދި އެ އަންނަ އައުމުގައި ހުރިހާ ޕާޓީތަކުންވެސް އަޅުގަނޑު އުންމީދު ކުރަން، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށް. ވަރުގަދަ ކުރައްވާނެ ކަމަށް. އެތެރޭގެ އިންތިޚާބުތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް. ހުރިހާ ޕާޓީއެއްގައި އިންތިޚާބުތައް ބޭއްވުމުގެ އުޞޫލުތައް އެއްގޮތްވާކަށްނުޖެހޭ. އެއްޕާޓީއެއްގައި އޮންނަ އިންތިޚާބުގެ އުޞޫލުތަކާއި އަނެއް ޕާޓީއެއްގެ އިންތިޚާބީ އުޞޫލުތައް ތަފާތުވެދާނެ. އެއީ އެޕާޓީއެއްގެ މެންބަރުން ނިންމާ ނިންމުމެއް. ކޮބައިތޯ އެ ޕާޓީއެއްގެ އިންތިޚާބީ އުޞޫލު ބާއްވާނީ. އެހެން ނަމަވެސް، ޕާޓީތައް މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މި ސިޔާސީ މަސައްކަތްތަކަށް، މަގާމުތަކަށް ކަމަށް އެކަށީގެންވާ ޤާބިލް، ރައްޔިތުންގެ ރުހުން އޮތް ބޭބޭފުޅުން ނެރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.” ރައީސް އިއްޔެ ދެއްވި ރޭޑިއޯ ޚިޠާބުގައި ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ވަނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާފައެވެ. އަދި މިހާރު އެޕާޓީގެ ދާއިރާތަކުން އެ ދާއިރާތަކުގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީ އިންތިޚާބުކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރަމުން އެބަ ގެންދެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ކޮންމެ ދާއިރާއެއްގެ އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ ރައީސާ ބައިވެރިވެވަޑައިގަންނަވާނެއެވެ.