ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކަމާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް “އާރކް”އިން ހިންގާ ކެމްޕެއިން ފަށައިފި

23 އޮކްޓޯބަރ 2010

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ "އާރކް" އިން ހިންގާ ކެމްޕެއިން ފައްޓަވައިދެއްވަނީ

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އެކިބާވަތްބާވަތުގެ އަނިޔާ ހުއްޓުވައި އެކަމާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް “އާރކް” ނުވަތަ “އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން” ހިންގާ ކެމްޕެއިން ރޭ ފަށައިފިއެވެ.

ރޭ ހެދިގޮނޑުދޮށް ސަރަޙައްދުގައި މިކަމަށްޓަކައި ބޭއްވުނު ޙަފްލާގައި، މި ކެމްޕެއިންގައި ބޭނުންކުރުމަށް “އާރކް”އިން ހަމަޖައްސާފައިވާ ތިން ވީޑިއޯ ކްލިޕް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީއެވެ. މި ވީޑިއޯ ކްލިޕްތަކަކީ ކުޑަކުދިންނަށް ކުރެވޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި މެދު، ރާއްޖޭގެ މީޑިއާ މެދުވެރިކޮށް، ޢާންމުން ހޭލުންތެރި ކޮށް، މިފަދަ އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ތައްޔާރު ކޮށްފައިވާ ތިން ވީޑިއޯ ކްލިޕެވެ.

ރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެޑައިގެންނެވިއެވެ.

“އާރކް”އަކީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި، ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެކެވެ.