ރާއްޖޭގެ އީއީޒެޑްގެ ތެރޭގައި އޮތް “އަސުރުމާ 3” ދޯންޏަށް ބޭރު ގައުމެއްގެ ސިފައިން އަރައި ބަލައި ފާސްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާން

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ “އަސުރުމާ 3” އަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި މީޑިއާގައި ކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެމްޑީޕީން ގޮވާލަމެވެ. އަދި, ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެކެވެ.

ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް މި ޕާޓީން ގޮވާލަމެވެ.