ނިމިދިޔަ ރިޔާސީ އިންތިހާބުތެރޭގައި އެމްޑީޕީއާ ގުޅޭގޮތުން ދޮގުވާހަކަތައް ފެތުރި މައްސަލަ ރައްޔިތުންގެ މަޖިލިހުން ބަލައިދިނުމަށް އެދި ޕާލަމެންޓަރީ ގުރޫޕަށް ހުށަހެޅުމަށް ނިންމައިފި
ދިވެހިރާއްޖޭގައި އެތައްހާސް އިންޑިޔާ ސިފައިން ތިބެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލުމަށް ރާވަމުން ދިޔަކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލައިފިކަމަށާއި، ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނެ ނިމިދިޔަ ރިޔާސީ އިންތިޚާބުތެރޭގައި އެމްޑީޕީ އާއި އެމްޑީޕީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ފަތުރާފައިވާ ބުހުތާނު ދޮގުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ބަލައިދީ އާއްމު ތަހުގީގެއް ހިންގައިދިނުމަށް (ޕަބްލިކް އިންކުއަރީ) އެދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގައި އެދުމަށް އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ 23 ނޮވެންބަރ 2023 ގައި އުކުޅަހުގެ ކޮންވެންޝަންސެންޓަރ ގައި ބޭއްވި އެއްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރ ޕާސަން އިބްރާހިމް ވަހީދު ހުށަހެޅުއްވައި ތޮއްޑޫ ދާއިރާ ރައީސް ހުސައިން ސަމީރު ތާއިދު ކުރެއްވި ގަރާރާއި ގުޅިގެން ގައުމީ މަޖިލިހުގެ މެންބަރުންގެ މެދުގައި ގަރާރާއިމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުން ބައަދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގައި އެތައްހާސް އިންޑިޔާ ސިފައިން ތިބެ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލުމަށް ރާވަމުން ދިޔަކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި، ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ބަލައި އާންމު ތަހްގީގެއް (ޕަބްލިކް އިންކުއަރީ) ހިންގުމަށް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގައި އެދުމަށާއި، މީގެ އިތުރުން އެ ގަރާރުގައި ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ދައުރު އަދާކުރުމަށްޓަކައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކޮމިޓީތައް އެކުލަވާލުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވިލަރެސްކުރުމަށް 7 މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލުމާއި، ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހިމަނައިގެން ކޮމިޓީތައް އެކުލަވާލައި ހިންގުމުގެ އިޚްތިޔާރު ޗެއަރޕާސަނަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.