ސަރުކާރުގެ އިހުމާލުން އަނެއްކާ ވެސް ދިވެހި ދަރިއެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާން

ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖެއް ފަރުވާ ދިނުމަށް މާލެ ގެނައުން ސަރުކާރުގެ ސީދާ އިހުމާލުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ނުހަނު ހިތާމަ ކުރަމެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު, އެ ވަސީލަތްތައް ބޭނުން ނުކުރުން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގަ އެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް ގޮވާލަމެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް މި ޕާޓީން ގޮވާލަމެވެ.

މިއީ ދިވެހި ދަރިއެއްގެ ފުރާނައަށް ވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސްކުރި ދެވަނަ ފަހަރެވެ. ސަރުކާރުން ގޮތްދޫނުކުރުމުގެ އަގަކީ މައުސޫމު ދިވެހި ޅަދަރިންގެ ފުރާނައަށް މިއަދު މިވަނީ ވެފަ އެވެ.

މި ފުރުސަތުގައި މުހައްމަދު ޖާހުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރަމެވެ.