ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީފާއެއްގައި ހުރި އެއްވެސް މުވައްޒަފެއް އެމަނިކުފާނުގެ ސަރުކާރުގައި ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް, ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކުރެއެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެމެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫނެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން މިހިނދުން މިހިނދަށް ހުއްޓާލުމަށާއި އަދި މިހާތަނަށް ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތައް އެ ބޭފުޅުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށެވެ.