ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ނެރޭ ނޫސްބަޔާން

ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާއްމުން މި ޕާޓީއަށް ކަންބޮޑުވުންތައްދަނީ ހުށަހަޅަމުންނެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން މި ޕާޓީން ބެލިބެލުމުން ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.
• މި ގެނެވުނު އާ ބަދަލުގެ ސަބަބުން މިހާރު ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން 8 އެއްގައި ކިޔަވާނީ 33 ހަފްތާއެވެ. ކުރީގައި އޮތްގޮތުންނަމަ އެކުދިން ގްރޭޑް 8 އެއްގައި 41 ހަފްތާ ކިޔަވާނެއެވެ. މި ދަރިވަރުން ގްރޭޑް 9 އެއްގައި ކިޔަވާނީ 35 ހަފްތާއެވެ. ކުރީގައި އޮތްގޮތުންނަމަ އެކުދިން ގްރޭޑް 9 އެއްގައި 41 އަށްވުރެ ގިނަ ހަފްތާ ކިޔަވާނެއެވެ. މި ދަރިވަރުން ގްރޭޑް 10 އެއްގައި ކިޔަވާނީ ގާތްގަނޑަކަށް 26 ހަފްތާއެވެ. އެއީ އިމްތިހާން އާއްމުކޮށް ފަށާ އޮކްޓޯބަރ މަހާއި ރޯދަމަހުގެ ފަހު 10 އެއްގެ 2 ހަފްތާއާއި މިޑް ޓާރމް ބަންދުގެ 2 ހަފްތާ އުނިކުރުމުންނެވެ. އަދި މީގެ ތެރެއަށް 2 ޢީދު ބަންދާއި އެހެނިހެން ރަސްމީ ބަންދުތައް އިތުރުކުރުމުން ޖުމްލަގޮތެއްގައި މި ދަރިވަރުންގެ ކަރިކިއުލަމް ޓައިމްއިން 6 މަސް ދުވަސް އުނިވާނެއެވެ. ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ 6 މަސްދުވަހުގެ ކިޔެވުން ގެއްލުވާލުން އެއީ އެދަރިވަރުންނަށް އިންތިހާއަށް ގެއްލުންވާނެކަމެކެވެ. ގްރޭޑް 8 އަކީ ދަރިވަރުންނަށް ސައިންސް، ބިޒްނަސް އަދި އާރޓްސް ސްޓްރީމްގެ ބައިތައް ކިޔަވައިދޭ ގްރޭޑްއެވެ. މިއީ ދަރިވަރުންނަށް ކުރިއަށްދާން ބޭނުންވާ ދާއިރާ ދެނެގަތުމަށާއި ސްޓްރީމް އިޚްތިޔާރު ކުރުމަށް ކޮންމެހެން ބޭނުންތެރި ކިޔެވުމެކެވެ. އަދި ހަމަ އެހެންމެ ކޮންމެ ސްޓްރީމެއް އިޚްތިޔާރު ކުރާ ކުއްޖާއަށް ވެސް ދިރިއުޅުމުގައި އެހެން ސްޓްރީމްތަކުން ކިޔަވައިދޭ މައުލޫމާތާއި ހުނަރު (މިސާލަކަށް ސައިންސް ކިޔަވާ ކުއްޖާއަށް ބިޒިނަސް/އިކޮނޮމިކް ސްކިލްސް ފަދަ) އެގެން ޖެހޭތީވެ ގްރޭޑް 8 ގެ ކިޔެވުން ފުރިހަމަކުރުން ކޮންމެހެން މުހިއްމުވެއެވެ.

• ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް ލިޓްރަސީ، ނިއުމަރަސީ ހުނަރުތަކާއި ކިޔެވުމަށް ބޭނުންވާ ތަފާތު ގިނަ ހުނަރުތަކަކީ ސިލަބަސް ކުރުގަޅުވައިލައިގެން ހާސިލު ކުރެވޭނެ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ މީގެ ގެއްލުން ދަރިވަރުންގެ މުޅި އުމުރަށް ކުރާނެ ކަންކަމެވެ. މި އުމުރުފުރާއަކީ މިދެންނެވި ހުނަރުތައް މާސްޓަރކުރަން ފަސޭހަ އުމުރުފުރާއެކެވެ. އަދި އެކަންކަން ފަހުން ހާސިލުކުރަން އުޅުނަސް އެކަން އެގޮތަށްކުރަން ދަތިވާނެއެވެ.

• ކިޔަވާތަކެތި އުނގެނުމުގައާއި ފަހުމުވުމުގައި ދަރިވަރުންގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. ބައެއް ކުދިންނަށް ވަރަށް އަވަހަށް ފިލާވަޅުތައް ފަހުމުވެއެވެ. އަނެއްބައި ކުދިންނަށް މިކަމަށް އިތުރު ވަގުތާއި އިތުރު އެހީއާއި އިތުރު ސަމާލުކަން ބޭނުންވެއެވެ. މަންހަޖު ފަރުމާކޮށް ތަރުތީބު ކުރެވިފައިވަނީ މިކަންކަމަށް ރިޔާއަތްކޮށެވެ. އެހެންކަމުން ދިރާސީ އަހަރު ކުރުގަޅުވާލުމުން އުނގެނުމުގައި ދަތިކަން ހުންނަ ދަރިވަރުންނަށް ފޫނުބެދޭފަދަ ގެއްލުންތަކެއް ލިބިގެންދާނެއެވެ.

• ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ވަރަށް ގިނަވާނެއެވެ. މިބަދަލުތައް ގެނެސްފައި މިވަނީ ދިރާސީ އަހަރުން 6 މަސްދުވަސް ގެއްލޭގޮތަށް ކަމަށްވާއިރު މިކުރު މުއްދަތުތެރޭގައި ސިލަބަސް ކަވަރ ކުރުމަށާއި މަންހަޖުގައި ކަނޑައަޅާފައިވާ ލާރނިންގ އައުޓްކަމްސް އާއި ހުނަރުތައް ދަރިވަރުންނަށް ޙާސިލުކޮށްދިނުމަށް މުދައްރިސުން މަސައްކަތްކުރަންޖެހޭނީ އިންތިހާ ޕްރެޝަރުގައެވެ. މިކަމުގެ ސަބަބުން މުދައްރިސުންގެ ވޯކްލޯޑް އިތުރުވެގެންދާނެއެވެ. ގިނަވަގުތު ސްކޫލު ގައި ހޭދަކުރަން ޖެހުމުން އަމިއްލަ އާއިލާ އަށާއި އަމިއްލަ ނަފުސަށްޓަކައި ހޭދަކުރާ ވަގުތު ގުރުބާންކުރަން ޖެހުމަކީ މުދައްރިސުން މިހާރަށްވުރެންވެސް ބޮޑަށް ވަރުބަލިވެ، ބާރންއައުޓްވެ އަދި މުދައްރިސުންގެ އާއިލީ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. މީގެ އިތުރުން ދަރިވަރުން ގިނަވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އެކުދީން އަބަދު ސްކޫލަށް ގެންދިޔުމުގެ ތަކުލީފު ބެލެނިވެރީންނަށް އުފުލަންޖެހޭނެއެވެ. މިއީ ބުރަކޮށް މަސައްކަތުގައި އުޅޭ ބެލެނިވެރިންނާއި ގިނަ ދަރިން ސްކޫލަށް ގެންދާ ބެލެނިވެރިންނާއި ސިންގަލް ޕޭރެންޓްސްއަށް މެނޭޖްކުރަން އުދަގޫވާނެ ކަންކަމެވެ.

• މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުންނެވެ. ގިނަވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯރކް ހަދަން އުޅެންޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް އެކުދިންނަށް ދިމާވާނެއެވެ. ޕްރެޝަރގައި މަސައްކަތްކުރަން ޖެހުމަކީ ބެލެނިވެރިންނާއި މުދައްރިސުން، ދަރިވަރުންނާ އޮންނަ ދޭދޭ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަންކަމެވެ. އަޅުގަނޑުމެން ބޮޑެތި މީހުން ބޭނުންވާ ސްޕީޑުގައި ނުވަތަ ބޭނުންވާހައި ބުރަކޮށް އުޅުމަކީ ކުދީންނަށްކުރެވޭނެ ކަމެއް ނޫނެވެ. މީގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެއެވެ. ވިސްނާންޖެހޭ ކަމަކީ ދަރިވަރުންގެ ގްރޭޑަށް ވުރެން ނުވަތަ ހޯދާ މާރކްސްއަށް ވުރެން އެކުދީންގެ މެންޓަލްހެލްތް މުހިއްމުކަމެވެ.

މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެވެ. އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ބުނެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި 95000 އެއްހާ ދަރިވަރުންގެ މުސްތަޤްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫނެވެ. މަތީގައިވާ ކަންބޮޑުވުންތަކަށް ރިޔާއަތްކޮށް މި ޕާޓީން ގޮވާލަނީ ދަރިވަރުންގެ ޖުމްލަ ތަރައްޤީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމަށެވެ.