ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ލަސްކުރާކުރުން ކުށްވެރިކުރުން

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިޢުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާއިރު، މިއަދާ ހަމައަށްވެސް ފުލެޓް ޙަވާލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާތީ ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ މި ޕާޓީއަށްވެސް ދަނީ ހުށަހަޅަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.

އެހެންކަމުން ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ޙަވާލުކުރުން ޑރ މުއިއްޒު ސަރުކާރު ހިންގުމާ ޙަވާލުވީ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފެށުމަށް މި ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ.