ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އާރބަންކޯ އިން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ނެރޭ ނޫސް ބަޔާން

އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރާ ފަރާތްތަކަށް ތިލަފުށީގެ ޝޯލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުމަކަށްދާ ގޮތަށް، ކ.ތިލަފުށީގެ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމައި، އެ ސަރަހައްދުގައި ބޭނުންކުރަމުންދާ އުޅަނދުތައް ނެގުމަށް އަންގައި، ފުލުހުންގެ އެހީތެރިކަމާއެކު ބާރުގެ ބޭނުންކޮށް އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ގެންދަނީ ކުރަމުންނެވެ.
ކ. ތިލަފުށީގެ ބުނެވުނު ސަރަހައްދަކީ އެތައް ބައިވަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކުން، އެކި އެކި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަކަށްވާއިރު، އެ ސަރަހައްދުގެ ބިމުގެ ބޭނުންކުރަމުންދާ މައިގަނޑު މަގްސަދަކީ، އެ ސަރަހައްދުގައި ހިމެނޭ މޫދާއި ފަޅުގެވެސް ބޭނުންހިފޭތީއެވެ. އަދި އެ ވިޔަފާރިތަކުން ހިންގާ އުޅަނދުތަކުގެ މައިގަނޑު މަސައްކަތަކީ އެއްތަނުން އަނެއް ތަނަށް މުދާ އުފުލުން ކަމަށްވާއިރު، އެ ވިޔަފާރިތަކުން ބޭނުންކުރަމުންދާ ބިމުގެ ސަރަހައްދާއި މޫދާއި ދުރުވަމުންދާ ވަރަކަށް، އެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެހައި އިންތިޒާމުތަކަށް ބުރޫއަރާނެ ކަމުގެ ކަންބޮޑުވުން އެ ވިޔަފާރިތަކުން ދަނީ ހިއްސާކުރަމުންނެވެ.
އުޅަނދުތައް ބޭރުކުރުމަށް އަންގައި އާބަންކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކ. ތިލަފުށީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްޤީކުރުމުގެ ބޭނުމަށް އެ ރަށުގެ ޝޯލައިންގައި ހިމެނޭ ސަރަހައްދު ހިއްކުމަށް ނިންމާފައިވާ ނިންމުމަކީ ވޭތުވެދިޔަ ސަރުކާރުގެ ނިންމުމެއްކެވެ. އެހެންނަމަވެސް، ތިލަފުށީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކުރީ ސަރުކާރުން މެދުކަނޑާލާފައިވަނީ އެ ސަރަހައްދުގެ ވަށައިގެން ހިމެނޭ މޫދު ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކޮށް، އެ ވިޔަފާރިތަކަށް އިތުރު ގޮތެއް ހޯދައިދިނުމަށްފަހު މެނުވީ އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމުގެ ވިސްނުމުގައިކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. މި ޕާޓީގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ހިންގި ބިން ހިއްކުމުގެ އެންމެހައި މަޝްރޫޢެއްވެސް ހިންގާފައިވާނީ، އެވަގުތަކު އެ ބިމެއްގެ ބޭނުންކުރަމުންދިޔަ ފަރާތްތަކުން އެ ބިމެއްގައި ކުރަމުންދިޔަ މަސައްކަތްތަކަށް ބުރޫނާރާނެ އުސޫލަކުންނެވެ. އަދި އެއިން ކޮންމެ މަސައްކަތެއް ހިންގާފައިވާނީ އެބިމެއްގައި އެބައެއްގެ މަސްލަހަތު ހިމެނޭ އެންމެހައި ފަރާތްތަކާ ގަވާއިދުން މަޝްވަރާކުރެވިގެންނެވެ.
ސަރުކާރު ބަދަލުވެގެންދިޔުމާއެކު، އެ ސަރަހައްދުގެ ބޭނުންކުރަމުންދާ ވިޔަފާރިތަކަށް ވާނެ ގެއްލުމަށް ފަރުވާލެއް ބެހެއްޓުމެއް ނެތި، އަދި އެ ވިޔަފާރިތަކަށް އިތުރު މަގެއް ދެއްކުމަކާ ނުލާ، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެންގި އެންގުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި މި ޕާޓީއިން ދެކެމެވެ. އަރބަންކޯގެ ނިންމުން ތަންފީޒުވެގެންގޮސްފިނަމަ، ތިލަފުށީގައި މިވަގުތު ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވެގެންދާނެއެވެ.
ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާފައި ބޭއްވުމަށް ކުރީ ސަރުކާރުން ނިންމި ނިންމުމަކީ، އެތަނުގެ ބޭނުންކުރަމުންދާ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމަކަށްވާއިރު، އެ ނިންމުން ބަދަލުކޮށް، އެ ސަރަހައްދު ހިއްކުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރުމަށް އަރބަންކޯ އިން ކުރަމުންދާ މަސައްކަތަކީ، ރާއްޖޭގައި އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކް ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ އެތައް ބައިވަރު ޙައްޤަކަށް އުނިކަން ގެނުވާނެ ކަމެއް ކަމަށްވާތީ، އަރބަންކޯގެ މި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ.
މި ޕާޓީއިން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނީ ދިވެހި ވިޔަފާރިތަކުގެ ހިއްސާ އޮވެގެން އެ ވިޔަފާރިތައްވެސް ކުރިއަރައިގޮސްގެންނެވެ. ދިވެހި ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން ލިބިގެންނުދާނަމަ، ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެން އެކަން ވެގެންދިޔުމަކީ އެއްވެސް ސަރުކާރަކުން އެދޭނެ ގޮތެއްކަމަކަށް މި ޕާޓީއަކަށް ޤަބޫލެއް ނުކުރެވެއެވެ.
ވީމާ، ތިލަފުށީގައި ހިންގަމުންދާ ވިޔަފާރިތަކަށް ގެއްލުންވެގެންދާ އުސޫލުން އެ ސަރަހައްދުގެ ބިން ހިއްކުމަށް އަރބަންކޯ އިން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލައި، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދެވޭނެ އުސޫލަކުން، ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން އެތަނާ ގުޅޭ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރަށާއި، އަރބަންކޯއަށް ގޮވާލަމެވެ.