ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ކުށްވެރިކޮށް އެމްޑީޕީ އިން ނެރޭ ނޫސްބަޔާން

ދިވެހިބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން ބުލޮކު ކުރުން އެމްޑީޕީއިން ހަރު އަޑުން ކުށްވެރިކުރަމެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެކެވެ.

ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީއިން އަބަދުމެ ވަކާލާތުކުރާ މަގެވެ. އެއީ ދިވެހި އެތަކެއް ރައްޔިތުންނާއި މި ޕާޓީ ގުރުބާންވެގެން ހޯދި ހައްގުތަކެވެ. ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައަކީ ދިމަގްރާތީ މުޖުތަމައެއް ކަމަށް މި ޕާޓީއަށް އެއްބަސްނުވެވޭތީއެވެ.

އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނެވެ. ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެއެވެ. މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެކެވެ.

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހެއެވެ. ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަނެވެ.

އެމްޑީޕީއިން މި ސަރުކާރަށް ގޮވާލަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުން ހުއްޓާލުމަށެވެ.