ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން މި ޕާޓީން ހަރު އަޑުން ކުށްވެރިކުރަމެވެ.
މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ.