އިންތިހާބުތަކުގައި އެކުގައި މަސައްކަތްކުރަން ޖުމްހޫރީ ޕާޓީއާ އެކު ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ 2018 ގައި އުފެދުނު ސަރުކާރުގައި އެކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ޕާޓީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.
ޖުމްހޫރީ ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގައުމަށް ދިމާވާ މުހިއްމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕާޓީއެކެވެ.