ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވާ، ސިޔާސީދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކުރަމުން ދާ މަސައްކަތުގައި، 2018 އިން 2023 އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި، އެމް.ޑީ.ޕީގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަފަހަރަށް ކެބިނެޓްގެ %33 ތަމްސީލުކުރައްވަމުން ގެންދެވީ އަންހެން ވަޒީރުންނެވެ. އެއީ ކެބިނެޓުގައި ތިއްބެވި 18 ވަޒީރުންގެ ތެރެއިން 6 ބޭފުޅުންނެވެ.
ނަމަވެސް 17 ނޮވެމްބަރު 2023 ގައި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކުލަވާލެވުނު ކެބިނެޓުގައި 22 ވަޒީރުން ތިއްބެވި އިރުވެސް ކެބިނެޓުގައި ހިމެނުނީ އެންމެ 3 އަންހެން ވަޒީރުންނެވެ. އެއީ ކެބިނެޓުގެ %13 އެވެ.
މީގެ އިތުރުން، ހިތާމަޔާއެކު ފާހަގަ ކުރެވުނުކަމަކީ، ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު 3 އަންހެން ބޭފުޅުންވެސް ތިއްބެވީ ފަހަތުބަރިއަށް ލާފައިކަމެވެ. ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރ ބޭފުޅެއްކަންވެސް ފާހަގަކުރަމެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު، ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު %13 އަށް ވެއްޓުމަކީ، އަންހެނުން ސިޔާސީދާއިރާގައި ބާރުވެރި ކުރުމަށް މި ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިތަވަޅެއްކަމުގައި މި ޕާޓީގެ އަންހެނުންގެ ރޫހުން ދެކެމެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް %20 އަންހެނުން ގެނައުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވެފައިވާއިރު، އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާނުލާ، ސަރުކަަރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެމަތީ ބާރުކަމުގައިވާ ކެބިނެޓަށް،
ސީދާ އެމަނިކުފާނަށް، އަންހެން ބޭފުޅުން އައްޔަނުކުރެއްވެން އޮތް ފުރުސަތުގައި، އެކަންނުކުރެއްވުމަަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިހުލާސްތެރިކަމެއްނެތްކަމުގެ ހެއްކެކެވެ.
އަދި ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ، އޭގެން ވަރަށް ގޯސްމާނައެއް ދޭހަވާކަމެއްކަމުގައިވެސް ދެކެމެވެ. އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެންޖެހޭބައެއްކަމަށް ނުސީދާގޮތެއްގައި ދައްކުވައި ދިނުމެވެ. އަދި މި އަމަލާ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށްވެސް ދިމާނުވާކަން ފާހަގަ ކުރަމެވެ.
ކެބިނެޓްގައި އަންހެނުންގެ އަދަދު އެންމެ %13 އަށް ދައްކޮލިކަމާމެދު މިޕާޓީގެ އަންހެނުންގެ ރޫހުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ހިތާމަކުރަމެވެ.
އަދި އަންހެނުން ފަހަތައް ޖައްސަވާ، އަންހެނުންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަކީ މި ޕާޓީގެ އަންހެނުންގެ ރޫހުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫންކަމުގައި ދަންނަވަމެވެ.