ރައީސް ސާލިހަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި ވެރިއެއް! ރައީސް ސާލިހަށް މަރުހަބާ އާއި ޝުކުރިއްޔާ!

ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާކަން އަދާކުރައްވާ މިއަދު ރިޔާސީ ދައުރު ފުރިހަމަކުރައްވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ޝުކުރުވެރިކަމާއެކު ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންތިހާބުކުރެއްވުމަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މި ޕާޓީއަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޝުކުރު ދަންްނަވަމެވެ.

އަދި 2018 ން 2023 އަށް ނިމިގެން މިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި އަދި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ އެކި އެކި ދާއިރާތަކަށް ގެންނެވި އިންގިލާބީ ހެޔޮ ބަދަލުތަކާއި ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށާއި އިގަތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްދެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މަސައްކަތްތަކެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވަމެވެ. އެ މަނިކުފާނު އެ މަގާމާ ހަވާލުވެވަަޑައިގެންނެވުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ.