ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މި ޕާޓީން އެދުނު ގޮތަށް، އެކޯޓުން މިއަދު ކޮށްފައިވާ ޙުކުމާ ގުޅިގެން، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދިވެހި ދައުލަތަށް ނިސްބަތްވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، މަޖިލީހުގެ ރިޔާސަތުންނާއި، މަޖިލީހުގެ އިދާރާއިން މަޖިލިސް ހުއްޓުވާފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވައި، މި ޕާޓީން އެދިފައިވާ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިޖީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް މިއަދު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޙުކުމްކޮށްފައިވާތީ، އެކަމަށްޓަކައި، މި ޕާޓީގެ އިސްލީޑަރ އަދި ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް މަރުޙަބާ ދަންނަވަމެވެ.
ސުޕްރީމް ކޯޓުގެ މި ޙުކުމަކީ، ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، މިރާއްޖޭގައި މި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެކެވެ. އަދި މިއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި”މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެކެވެ.
އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުމެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެފަދައަކުން ކަންކަން ނުކުރެއްވުމެވެ.
ދިވެހި ރައްޔިތުންގެ އެންމެހައި ޙައްޤުތަކަށް ރައްކާތެރިވެ، ޤާނޫނުއަސާސީން އަޅުގަނޑުމެންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބޭނެ ކަމުގައްޔާއި، އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްމެ، ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.