އިތުބާރުނެތް ރައީސަކު ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުން ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމިހުރެވޭނެ މަގާމެއްނޫނެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް މި ޕާޓީން ދެކެމެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުމެވެ. އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަނެވެ.

ރިޔާސީ އައު ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް މިޕާޓީން ފުރުސަތެއް ނުދޭނަމެވެ. މިޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށެވެ. އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް މިޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަޤީންކަން މިޕާޓީގެ ފަރާތުން އަރުވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު، ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް ފާހަގަކުރަމެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް މިޕާޓީން ގޮވާލަމެވެ.