ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކުރުން

ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދު ކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާޢީލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލަތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މި ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެކެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އ.ދއިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޙުތިރާމުކޮށް، އެ ޤަރާރުތައް ތަންފީޒު ކުރުމަށް އިސްރާޢީލަށް ގޮވައިލަމުންދާ ޕާޓީއެކެވެ. އަދި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަލް-އަޤްޞާއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެކެވެ.
މި ޕާޓީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެކެވެ. އަދި، އިންސާނީ ހައްޤުތަކަށް އިޙުތިރާމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެކެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ވަގުތުންވަގުތަށް ހުއްޓައިލަން މި ޕާޓީން ގޮވައިލަމެވެ.