އިންތިހާބަށްފަހު ޕާޓީގެ މެމްބަރުންނަށާއި މުދަލަށް ގެއްލުންދިނުން ކުށްވެރިކުރުން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާަޓީގެ މަރަދޫ ދާއިރާގެ މެމްބަރާއި ފޭދޫ ދާއިރާގެ މެމްބަރުންނަށް ބަޔަކު ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީ އަދި އިންތިހާބަށްފަހު ދ. ކުޑަހުވަދޫ، ގއ. ކޮލަމާފުށީގައި ހުންނަ މި ޕާޓީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕެއިން ޕޯސްޓަރ ބިލްބޯޑު ފަދަ ތަކެއްޗަށް ގެއްލުން ދެމުންދާތީ މިކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުށްވެރިކުރަމެވެ.

އިންތިހާބަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި
ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެކެވެ.

މި ޕާޓީގެ މަޖިލިސް މެމްބަރުންނަށާއި މިޕާޓީގެ އެކިއެކި އޮފީސްތަކަށް ގެއްލުން ދިން ފަރާތްތައް ހޯދާ މިކަންކަން ތަކުރާރުވިޔަނުދިނުމަށް ފުލުހުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިލްތިމާސްކުރަމެވެ.

ކެމްޕެއިން ތެރޭގައިވެސް އަދި އިންތިހާބަށްފަހުވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަންވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިހާބުން ނިކުންނަ ނަތީޖާއަށް އިހްތިރާމްކުރުމާއެކު އެ ޕާޓީން ހިންގާ ހަރަކާތްތައް ހިންގުމަށެވެ.