ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ މި ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީއިން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެކެވެ.
ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވަނީ އެއްބަސްވެވިފައެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ.
އަދި މި ޕާޓީއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން މި ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެކެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެއެވެ.