ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. އައު ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވުނު މި ޕާޓީގެ އެންމެ ފުރަތަމަ ސަރުކާރުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނެވެ. އަދި އޭގެ ފަހުން 2018 ގައި އިންތިހާބުކުރެވުނު މި ޕާޓީގެ ދެވަނަ ސަރުކާރުގައިވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި, އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހިރައްޔިތުން ޔަގީންކުރެއެވެ.
ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި އަދި އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.
މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައެވެ.
މީގެ އިތުރުން, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ނުހަނު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށައިފައެވެ. އެގޮތުން, ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބޭނެ ގޮތް ގާނޫނަށް އިސްލާހު ގެނެވި ހަމަޖެހިގެންދިއުމާއި ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބުން ފަދަ އެތައް ސިޔާސަތުތަކެއް ތަންފީޒުކުރެވިގެންދާއިރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ދާކަން ފާހަގަކުރަމެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ފާހަގަކުރަމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަޅުއްވާނެކަން މި ޕާޓީން ދެކެމެވެ.
މި ފުރުސަތުގައި މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި މަސައްކަތްތެރިންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަރިސްކުރަމެވެ.