ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފި

ސަރުކާރުން ފަށާފައިވާ ޕޭ ހަމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމެވުމާ ގުޅިގެން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު އިއުލާންކުރެއްވި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރެވިގެން ދިޔަ ގޮތް ހާމަކުރައްވަމުން ވިދާޅުވީ މީގެކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ، ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށާއި، ސްޕެޝަލިސްޓް ނަރުހަކަށް، 41،976 ރުފިޔާ ލިބޭނެ ކަން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން، ސީނިއަރ މެޑިކަލް އޮފިސަރުންނަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ، އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.

އަދި ސަރުކާރުން ފައްޓަވާފައިވާ ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތުގެ ތެރޭގައި ޝަރުއީ ދާއިރާ، ސަލާމަތީ ހިދުމަތްތަކާ އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މަރުހަބާ ކިޔާކަމެކެވެ.