ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އަންހެނުންގެ ދުވަހާ ގުޅިގެން ނެރޭ ބަޔާން

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ރާއްޖޭގެ ހުރިހާ އަންހެނުންނަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަން.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުމާއި، އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން މިކުރަނީ ” އެމްބްރޭސް އިކުއިޓީ”. “އިކުއޭލިޓީ” ނުވަތަ ހަމަހަމަކަމާ “އިކުއިޓީ” އާއި ހުރި ތަފާތު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް. އިކުއިޓީ މިބަސް ބޭނުން މިކުރެވެނީ ހަމަހަމަކަން ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަމަށް. އެއީ ހުރިހާ އެންމެންވެސް ލަނޑުދަނޑިއެއް ހާސިލް ކުރަން މަސައްކަތް ފަށައިގަންނައިރު އެންމެން ތިބެނީ އެއްހަމައެއްގައި ނޫންކަން ދެނެގަނެ އެ ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ މީހަކަށްވެސް ވަކިވަކިން ދޭންޖެހޭ އެހީތެރިކަންދިނުން.

ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާ. އަދި މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުން.

ނަމަވެސް އެހެން ދާއިރާތަކަށް ބަލާއިރު، ހާއްސަކޮށް ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް މިއުޅެނީ ވަރަށް ފަހަތުގަ.

ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އެބައޮވޭ. އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެނޭ.

މިސާލަކަށް ބަލާއިރު، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު.

މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފި. އެގޮތުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެކަން ފާހަގަކުރަން. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިއްޖެ. މީގެ އިތުރުން އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެން ގޮއްސި. ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއް. ހަމަހަމަކަން ގެނުމަށްޓަކައި ދެވުނު އިތުރު އެހީތެރިކަމެއް. “އިކުއިޓަބަލް އެކްޝަނެއް”. ނަމަވެސް މުޖުތަމަޢުގައި މިފަދަކަންކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މިއެޅުނު ރަގަޅު ފިޔަވަޅާ ދޭތެރޭގަ ގޯސް ނަޒަރަކުން ދެކުނު، އަދި ދެކެމުންދާ މީހުން މަދެއްނޫން. އެހެންވެ މިއަދު “އެމްބްރޭސް އިކުއިޓީ” މި ޝިއާރު ވަރަށް މުހިއްމުވެގެން އެބަދޭ. ހަމަހަމަކަން ގެނައުމަށް ކުރެވޭ މިފަދަ ކަންކަމާ ދެކޮޅުހަދާ، ތަފާތުކުރުމެއް ކަމަށް ބުނެ ނުރުހުން ފާޅު ނުކުރުމަށް، ހޭލުންތެރިކަން އިތުރުކުރަން އެބަޖެހޭ.

އިޤްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ޤާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރުއެހީތެރިކަން އަންހެނުންނަށް އެބަބޭނުންވޭ. އިޤްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަދޭ. އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނޭ. ނަމަވެސް އިޤްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަވޭ.
ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓަރގައި އަދިވެސް ނުލިބުމާ، ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތުމާ، ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން އެބަޖެހޭ. މިކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވޭ.

މިއަހަރުގެ އަންހެނުންގެ ދުވަހު އ.ދ. ގެ ޝިއާރު ކަމުގައިވާ، “ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އިކުއޭލިޓީ” ގެ ބޭނުމަކަށް މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ޒަރިއްޔާއިން އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަންހެނުންނަށް ކުރާ ފުރައްސާރައާއި، ދޭ އަނިޔާ އާއި، ކުރިމަތިކުރުވާ ގޮންޖެހުންތަކާ ގުޅޭގޮތުން މީހުން ހޭލުން ތެރިކުރުވާ، މިމައްސަލަތަކަށް ހައްލު ހޯދުން.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމް ތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބަށް. ސޯޝަލް މީޑިއާ ނުވަތަ މީސްމީޑިއާއަކީ އޭގެ ރަގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، ބިނާކުރަނިވި ޚިޔާލު ފާޅުކޮށް، ރަގަޅު މަޝްވަރާތަކެއް ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އެންމެ ގިނަމީހުންނަށް، އެންމެ އަވަހަށް، މަޢުލޫމާތު ފޯރުކޮށްދެވޭނެ އެއް ޕްލެޓްފޯރމް. އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް.

އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި އަދި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް.
މިއަދު އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުން.

ރާއްޖޭގެ އަންހެނުންނަށް މާތްﷲ އުފާވެރިކަމާއި ކުރިއެރުން މިންވަރު ކުރައްވާށި، އަދި މުޅި މުޖުތަމަޢުގެ އެންމެން ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކޮށް ، އުފާވެރި ރާއްޖެއެއް ބިނާކުރުމުގެ ވިސްނުން އަޅަމެންނަށް ދެއްވާށި. އާމީން

ރޮޒައިނާ އާދަމް
އަންހެނުންގެ ރޫހުގެ ރައީސް