މެންބަރުންގެ ޚިޔާލު: ކާމިޔާބީގައި ހިތްތިރި ކުރުމާއި، ނަކާމިޔާބީގައި ހިއްވަރު ކުރަންޖެހެނީ، ކަންކަމުގެ މައްޗަށް އިޚުލާސްތެރި އިންސާނުންގެ މެދުގައެވެ

22 އޮކްޓޯބަރ 2010

ލިޔުނީ: ޙަސަން މާހިރު/ހުޅުދޫ

ކުރީގެ ސަރުކާރަށް ސަނާކިއުމާއި، ފާޑުކިއުމަށް އެންމެ ޙައްޤުކަން ބޮޑުބަޔަކީ މައުމޫނުގެ ޒަޢާމަތު ތަޖުރިބާ ކޮށްފައިވާ ދޮށީއުމުރުގެ މީހުންނެވެ. މައުމޫނު ވެރިކަން ފެށުނުތާ 6 އަހަރުފަހުން ނުވަތަ 9 އަހަރުފަހުން ދުނިޔެއަށް އުފަންވީ 3-4 ކުދިންނަށް މަޢުމޫނުގެ ވެރިކަމުގެ ބުގިސްކަން ނުވަތަ އެވެރިކަމުގެ ހަރުދަނާކަން މަޖުލީހުގައި ކަށަވަރުކޮށް ދޭންއުޅުމުގެ ހެއްކަކީ މައުމޫނުގެ ވެރިކަމަކީ، އާރުލާ ވެރިކަމެއް ނޫންކަމުގައެވެ. ނޫންނަމަ، ތިޔަވެރިކަމުގެ މައްޗަށް ތަޢުރީފްކޮށް، ލިޔެ ހައްދަވާނީ މަޝްހޫރު ތާރީޚީ އިލްމުވެރިއާ ޝަފީޤުގޭ ޝަފީޤުފަދަ ނުވަތަ ނޫމަރާގޭ އަނަރަބަލް އަބްދުއްސައްތާރު ފަދަ ކަރަންކާގޭ އަނަރަބަލް އިބްރީހިމް ރަޝީދުފަދަ އުމުރުން ދޮށީ ބޭފުޅުންނެވެ. ތޮއްޑޫ އަލީވަޙީދާއި، ހުވަދޫ ނިހާނުފަދަ ދެތިންކުދިން މައޫމޫނުގެ ކުރީގެ ވެރިކަމުގެ ސިއާސަތު ދިފާޢުކޮށް، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ފްލޯހޫނު ކުރުމަކީ، އުމުރުން ދުވަސްވީ މީހުންނާއި، ހަރުމީހުން ހިނިއަންނަ ޒާތުގެ ކަމެކެވެ. ޔަގީނުންވެސް އެކުދިންގެ އަމަލުގެ ސަބަބުން ކުރީގެ ވެރިކަމުގެ ޅޮސްމަރުކާ ބޭޒާރުވުންނޫން އެހެންކަމެއް ނުވާނެއެވެ. އަދި މިފަދަ ވެރިކަމެއް ކޮށްފައިވާ މީހަކާމެދު ހިއްތިރިކުރުމަކީ ގޯހެކެވެ. އެހެނީ ކާމިޔާބީގައި ހިތްތިރި ކުރުމާއި، ނަކާމިޔާބީގައި ހިއްވަރު ކުރަންޖެހެނީ، ކަންކަމުގެ މައްޗަށް އިޚުލާސްތެރި އިންސާނުންގެ މެދުގައެވެ

ލޮބުވެތި ރައްޔިތުންނޭވެ’ 1978 އަހަރު މިރާއްޖޭގެ ވެރިކަމާއި ހަވާލުވި އަލް އުސްތާޛު މައުމޫން އަބުދުލް ގައްޔޫމް ރާއްޖޭގެ ވެރިކަމާއި، ހަވާލުވީ އިރު، ރައްޔިތުންނަށް ގަބޫލުކުރެވިފައި އޮތީ އެ މަނިކުފާނަކީ ދަރުމަވަންތަ ރަސްގެފާނު ފަދަ ބޭފުޅެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ގަބޫލުކުރެވުނު ގޮތުގައި ވެރިކަން ކުރެއްވީ ވެސް އިސްލާންދީން ތަބުލީޢު ކުރައްވާ ބޭފުޅެއްގެ ގޮތުންނެވެ. އަދި ގައުމަށް ތަރައްގީ ގެނަސްދެއްވި ބަޠަލެއްގެ ގޮތުގައެވެ. ނަމަވެސް ދައުލަތް ހިންގުމުގެ އެންމެހާ ޤާނޫނީ ބާރުތައް އޮތީ އެދުވަސްވަރު ވެރިއާގެ އަންބޮނޑި ދަށުގައެވެ. 6 މޭ 1980 ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލިސް ތެރޭގައި އޮތް މަޖިލިސް ޖަލްސާއެއްގައި ވިދާޅުވީ ތިމެން މަނިކުފާނު ވެރިކަމާއި ހަވާލުވިރޭ އަމިއްލަ ސަލާމަތައްޓަކައި އަތުގައި ބަޑިހުރި ކަމަށާއި، އަދި އެކުވެރި 6 ރަހުމަތް ތެރިންގެ އަތުގައިވެސް ހަތިޔާރު ހުންނާނެ ކަމުގައެވެ. ނަމަވެސް އޭގެ 28 އަހަރުފަހުން 16 ސެޕްޓެމްބަރ 2008 ގައި ޓީވީ މޯލްޑިވުސްގައި އޮތް ސިޔާސީ ފެންޑާގައި ރައްޔިތުންގެ ކުރިފުޅުމަތީގައި މިސުއާލު ކުރެވުނު ހިނދު، ހެއްދެވީ ބުހުތާން ދޮގެވެ. އަޅުގަނޑުގެ ނަޒަރުގައި މިފަދަ ބޭފުޅެއްގެ އަތްމައްޗަށް 30 އަހަރު ޖުމުހޫރީ ވެރިކަމެއްގެ ނަމުގައި ރާއްޖޭގެ އެންމެމަތީ ވެރިކަން ހިންގުމުގެ ފުރުސަތު ދެވުނުކަން އެއީ ދިވެހިންގެ 30 އަހަރުގެ ބަދުނަސީބެވެ.
ލޮބުވެތި ރައްޔިތުންނޭވެ’ ގައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުގެ ހަގީގީ ދައުރަކީ، ކޮބާ ހެއްޔެވެ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގައުމީ މަސްއޫލިއްޔަތަކީ، ނުވަތަ ސިޔާސީ ޕާޓީއެއްގެ ދައުރަކީ، ވާދަވެރި ރޫޙެއްގައި ގިނަ ސިޔާސީ ޕާޓީ ތަކެއްގެ ތެރެއިން، ރައްޔިތުންނަށް އެންމެ ރަނގަޅަށް ދައުލަތް ހިންގާ ދިނުމުގެ ފުރުސަތު ވާދަވެރި ރޫހެއްގައި ފަހިކޮށްދިނުމެވެ. އޮޕްޒިޝަން ޕާޓީ އެއްގެ ގޮތުން ބިނާކުރަނިވި އުސޫލުތަކުގެ މައްޗަށް ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، އެ ސަރުކާރެއްގެ ގާނޫނީ ދައުރުގެ ތެރޭގައި ދައުލަތް ހިންގުމުގެ ސިޔާސަތުގައި ހުންނަ ކަމީނާ ލޯވަޅުތަށް ބައްދާދިނުން ފަދަ މަސްއޫލިއްޔަތު މަޖިލީހުގައި އުފުލުން ކަމަށް ވީހިނދު، މިއަދު ރާއްޖޭގައި ތިބި ބައެއް ކުދިކުދި ސިޔާސީ ޕާޓީތަކާއި، އަދި އެންމެ ބޮޑު އޮޕްޒިޝަން ޕާޓީގެ ވިސްނުމާއި، އަމަލުހުރީ ހަރުދަނާ އޮޕްޒިޝަން ޕާޓީއެއްގެ ކިބައިގާ ހުންނަން ޖެހޭ ސިފަތަކާއި ރޫޙުގައި ހެއްޔެވެ؟ މިއަދު ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތް ބައްޓަން ކުރުމުގައި އެންމެބޮޑު ޤާނޫނީ އެއްދައުރު އަދާ ކުރަންޖެހޭ، އެއްފަރާތަކީ، އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީސް ހިއްސާކުރާ ސިޔާސީ ޕާޓީތަކެވެ. ނުވަތަ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެހެނީ، 28 މޭ 2009 ގައި ޒަމާނީ ވެރިކަމުގެ ހަރުދަނާ އުސޫލުތަކެއް މިރާއްޖޭގައި އަލަށް އުފެދި ޒަމާނުއްސުރެ، ރައްޔިތުންގެ މައްޗަށް ގެއްލިފައި އޮތް އިޖުތިމާޢީ އަދާލަތު ގާއިމުކޮށް، ދެމެހެއްޓުމުގެ ޤާނޫނީ އަދި ޤައުމީ ބޮޑު މަސްއޫލިއްޔަތު ބޮލުގައި އެޅިފައިވާ ބަޔަކީ، އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީސްގެ މެންބަރުން ކަމުގައި ވީހިނދު، ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތުގައި މިފަދަ މުހިއްމު ޤާނޫނީ ވާޖިބުތަކެއް އަދާ ކުރަންޖެހޭ، ނާޒުކު ދަނޑިވަޅެއްގައި، ރާއްޖޭގެ ދިމޮޤްރާތީ ހަޔާތުގައި އަލަށް އުފެދުނު މަޖިލީހަކީ، ޒާތީ ހަސަދު ވެރިކަމެއް ނެތި ދައުލަތާއި، ރައްޔިތުންނަށް އެންމެފައިދާ ހުރި މަސްލަހަތުތައް ހިމާޔަތްކުރާ ތަޙުޒީބު ބަޔަކަށްވާން އެބަޖެހެއެވެ. ނޫންނަމަ، ރާއްޖޭގެ ދުސްތޫރީ ވެރިކަން ހިންގުމުގެ އައުވެށި ކިލަނބުވެ، އަދި ރައްޔިތުން އެބަދަލަކަށް ޓަކާ ނަޢަރާކުރި ޑިމޮކްރަޓިކް އުސޫލުތަކުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮޅުންއެރުމަކީ، އެކަށީގެންވާ ކަމެކެވެ.
ލޮބުވެތި ރައްޔިތުންނޭވެ’ ޕްލިޓިކަލް ފިލޯސަފީގެ ތެރެއިން، މައިގަނޑު ގޮތެއްގައި ވެރިކަން ހިންގުމުގެ ދެނިޒާމެއް ޕްލިޓިކަލް ސައިންސިސްޓުން ދުނިޔޭގައި ތަޢާރަފް ކުރީ ކޮންބޭނުމެއްގައި ހެއްޔެވެ؟ ރާއްޖޭގައި އޮތީ ޕްރެޒިޑެންޝަލް ނުވަތަ ރިޔާސީ ނިޒާމުގެ މައްޗަށް ހިނގަމުން އަންނަ ވެރިކަމެކެވެ. އެމެރިކާގެ 4 ވަނަ ރައީސް ހިޒް އެކްސަލަންސީ މިސްޓަރ ޖޭމުސް މެޑިސަން، ފަރަންސޭސި ޕޮލިޓިކަލް ފިލޯސަފަރ ހިޒް އެކްސަލަންސީ މިސްޓަރ ބާރޯން ފަދަ، ބޭބޭފުޅުން ބާރުތައް ވަކިވެއޮތް ވެރިކަން ހިންގުމުގެ ރިޔާސީ ނިޒާމެއް އެކަށަ އަޅުއްވާ އެނިޒާމުގެ ތެރެއިން، ޤާނޫނުތައް ހެދުމުގެ ބާރު ވަކިބާރެއްގެ ގޮތުގައި އޮތުމާއި، ވެރިކަން ހިންގުމުގެ ބާރު ވަކިބާރެއްގެ ގޮތުގައި އޮތުމާއި، އަދުލު އިންސާފް ޤައިމުކުރުމުގެ ބާރު ވަކިބާރެއްގެ ގޮތުގައި އޮތުމުގެ އުސޫލުތައް ކަނޑައެޅުއްވީ، މިރާއްޖޭގެ ބައެއް ރައްޔިތުންގެ މަޖިލިސް މެންބަރުން ފަދައިން، އެކަމުގެ ޙިކުމަތް އޮޅުވާކަށް ނޫނެވެ. ޙިކުމަތަކީ، މިފަދަ ނިޒާމެއްގެ ތެރެއިން، އެކަށައަޅާފައި އޮންނަ ޤާނޫނު އަސާސީއެއްގެ ތެރެއިން، އެގްޒަކްޓިއު ބާރު،، ނުވަތަ ވެރިކަމުގެ ޙުކޫމަތުގެ ދަށުން ޤާނޫނުތައް ތަންފީޒް ކުރުމުގެ ބާރު ރައީސުލް ޖުމުހޫރިއްޔާގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުކުރާ ހިނދު، މިފަދަ މުހިއްމު ޤާނޫނީ ވާޖިބުތަކެއް ރައްޔިތުންނަށްޓަކާ ރައީސުލް ޖުމުހޫރިއްޔާ އަދާ ކުރައްވަން ޖެހޭހިނދު، ޤާނޫނު ހަދާ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހުން ހަދާ، ޤާނޫނުތަކަކީ، އިލްމީ ވިސްނުމެއްގެ މައްޗަށް ނުވަތަ ޙިކުމަތުގެ މައްޗަށް ބާރުލިބޭ ޤާނޫނު ތަކަކަށް ވާންޖެހެއެވެ. ޤާނޫނީ ގޮތުން ރައީސުލް ޖުމުހޫރިއްޔާ އަށް ލިބިވަޑައި ގަންނަވާ ދައުލަތް ހިންގުމުގެ ބާރަކީ، މޮހަނަށް ދޯނިދޭ ބީދައިން، ހެދިފައި ހުންނަ ޤާނޫނީ ބާރުތަކުގެ މައްޗަށް ހަވާލުކުރެވޭ ބާރަކަށް ވެއްޖެނަމަ، މިއުސޫލުގެ ޙިކުމަށްގެއްލި ރައީސުލް ޖުމުހޫރިއްޔާގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ޤާނޫނީ ބާރަކީ، ޙަޞަނުގެ ދެފައި މުޅި އޮޑީގައި ކަމަށް ވެދާނެއެވެ”
އިސްވެ ނަންގަނެވުނު ފަދައިން، ޖުމުހޫރީ ވެރިކަމެއްގެ ޙުކޫމަތު ބިނާވެގެން ވަނީ މުޅި ދައުލަތް ހިންގުމުގެ ބާރުތައް ވިލަރެސްކޮށް، ކޮމާންޑް ކުރައްވަންޖެހޭ ބޭފުޅަކީ ސަރުކާރާއި ދައުލަތުގެ އެންމެ އިސްވެރިއާ ކަމަށް ވީހިނދު، މިފިކުރުން ބަރީޢަވާ އުސޫލުގެ މައްޗަށް މިއަދު ރައްޔިތުންގެ މަޖިލިސް ބައެއް މެންބަރުން އަޅުއްވަނީ ޕާލަމެންޓްރީ ނުވަތަ ބަރުލަމާނީ ވެރިކަމެއް މިޤާނޫނު އަސާސީގެ ދަށުން ހިންގަވަންހެން އެބަހީވެއެވެ. އެހެނީ، ދައުލަތް ހިންގުމުގެ 3 ބާރު ވަކިވެ އޮންނަ ރިޔާސީ ނިޒާމެއްގެ ބޭނުމަކީ ބޮޑު ތިންބާރުގެ މެދުގައި ސުލަހަ ގާއިމުކޮށް ރައްޔިތުންނަށް އަދުލުވެރި ޚިދުމަތްތަކެއް ފޯރުކޮށް ދިނުންކަމަށް ވީހިނދު، މިއަދު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން، އޮޕްޒިޝަން ޚިޔާލުތަކުގެ މީހުންގެ ކިބައިން، ފެނިގެން އެދަނީ، ކަނޑައެޅިގެން ސަރުކާރު ހިންގުމަށް އުނދަގޫ ކުރުމުގެ އިދިކޮޅު ހެދުންތަކެވެ. ސަބަބަކީ، ކޮބާހެއްޔެވެ؟ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދާ ނުވަތަ ލިބިފައިވާ ތާއިދު ނައްތާލުމާއި، ގައުމަށް ޢަދަރުވެރިވީ މުޑުދާރުން އެބައިމީހުންގެ މުޑުދާރުކަން އަދުލު އިންސާފުގެ ކުރިމަތީގައި ބަރަހަނާ ވެދާނެތީއެވެ. ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުން، ރާއްޖޭގެ އަތޮޅުތަކަށް ލިބިގެންދާނެ ކުރިއެރުންތައް ޑީއާރުޕީއަށް ނޭގެނީއެއް ނޫނެވެ. ލާމަރުކަޒީ ފުރިހަމަ ތަސައްވުރު ނައްތާލުމުގެ ބޭނުމަކީ، މިސަރުކާރަށް ރައްޔިތުންގެ ކިބައިން، ލިބިދާނެ ތާއިދު ނައްތާލުމެވެ. ޤާނޫނީ ހަމަތަކުގެ މަތިން ސުލްހަވެރި ގޮތުގައި ގައުމަށް ޚިޔާނާތް ތެރިވެފައިވާ މީހުން އަދުލު އިންސާފުގެ އައްދަށުން ދޫވުމުގެ ބަދުނަސީބު މަޖިލިސްގެ ފްލޯއިން ތިޔަ ފެންނަނީއެވެ. ކާމިޔާބީގައި ހިތްތިރި ކުރުމާއި، ނަކާމިޔާބީގައި ހިއްވަރު ކުރަންޖެހެނީ، ކަންކަމުގެ މައްޗަށް އިޚުލާސްތެރި އިންސާނުންގެ މެދުގައެވެ