ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

22 އޮކްޓޯބަރ 2010

anni250609_thumb

ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދި ފައްކާވަމުން އަންނައިރުގައި، ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި 71 ވަނަ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބާރަށް ކުރިއަށް ގެންދެވުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ހުރިހާ ޕާޓީއެއްގައި އިންތިޚާބުތައް ބޭއްވުމުގެ އުޞޫލުތައް އެއްގޮތްވާކަށް ނުޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

” އެއްޕާޓީއެއްގައި އޮންނަ އިންތިޚާބުގެ އުޞޫލުތަކާއި އަނެއް ޕާޓީއެއްގެ އިންތިޚާބީ އުޞޫލުތައް ތަފާތުވެދާނެ. އެއީ އެޕާޓީއެއްގެ މެންބަރުން ނިންމާ ނިންމުމެއް.”، ރައީސް ވިދާޅުވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕާޓީތައް މެދުވެރިކޮށްގެން ސިޔާސީ މަގާމުތަކަށް، ކަމަށް އެކަށީގެންވާ ޤާބިލް، ރައްޔިތުންގެ ރުހުން އޮތް ބޭބޭފުޅުން ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެންމެބޮޑު އެއްބޭނުމަކީވެސް އެޤައުމެއްގެ ސިޔާސީ މަގާމުތަކަށް އިސްވާނެ ޤާބިލް ބޭފުޅުން އެކިތަންތަނުން ހޯދުމާއި، އިންތިޚާބުތައް މެދުވެރިކޮށް މަގާމުތަކަށް އައުމަށް އެބޭފުޅުންނަށް މަގުފަހިވާނެ ގޮތްތައް ފުރިހަމަކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޕާޓީއެއްގެ ބޭނުމަކީ ކެންޑިޑޭޓުން ބިނާކުރުން ކަމުގައިވާއިރު، އެ ކެންޑިޑޭޓުންނަކީ ވަކި ފިކުރެއްގައި، ވަކި ވިސްނުމެއްގައި ތިބޭ ކެންޑިޑޭޓުންނަށް އެބަވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ޕާޓީގެ ވިސްނުން އެ ކެންޑިޑޭޓުން ގެންގުޅެންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ޚިޠާބުގައި މިދިޔަ ހަފްތާގެ ތެރޭގައި، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ގުޅޭ ބޮޑު ދެމަޝްރޫޢެއް ފަށައިގަނެވިފައިވާތީ، އެކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ތިމަރަފުށީގައި ހަދަން ފެށުނު އެއަރޕޯޓްގެ މަސައްކަތުގެ ސަބަބުން ތ. އަތޮޅަށާއި، މުޅި އެ ސަރަޙައްދަށް ޓުއަރިޒަމްގެ ވިޔަފާރި ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސްކޫލްތަކުގެ ފަހު އިމްތިޙާނުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މައިންބަފައިންވެސް ވީމިންވަރަކުން ވަގުތު ހުސްކުރައްވައިގެން، ކުދިންނަށް ފިލާވަޅު ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރެއްވިއެވެ.

“އަބަދު އަބަދު ތަކުރާރުކޮށް، އެކަމެއްގެ ފޯކަސް ނުގެއްލި، އެކަމެއް ކުރުން. އެއީ ކާމިޔާބުގެ ސިއްރަކީ. އަޅުގަނޑު އުންމީދު ކުރާނީ، ހުރިހާ ކުދިންވެސް މިރޫޙުގައި، މިޓެސްޓާ ދިމާއަށް މިޞްރާބު ޖަހާނެ ކަމަށް”، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.