މުޙައްމަދު ލަޠީފު އަވަހާރަވުމުގެ ހިތާމައިގައި މިޕާޓީން ބައިވެރިވުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ބާނީ ކަމުގައިވާ އަލްފާޟިލް މުޙައްމަދު ލަޠީފު (ގޯގޯ ލަޠީފު) އަވަހާރަވުމަކީ މިޕާޓީއާއި ޕާޓީގެ އެންމެހައި މެންބަރުންނަށް ލިބުނު ފުން ހިތާމައެކެވެ. ލަޠީފު މިދުނިޔެ ދޫކުރައްވައި ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. މިޕާޓީއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގު ނުކުރެވޭނެހައި މަތިވެރި ޚިދުމަތްތަކެކެވެ. އަދި ގެއްލިގެން އެދިޔައީ، ޕާޓީގެ ދެމިއޮތުމަށް މިންނެތް މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި ފަހުލަވާނެކެވެ.

ލަޠީފަކީ، އެމް.ޑީ.ޕީ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް ޕާޓީއިން އަދާހަމައަށް ހޯދާފައިވާ އެންމެހައި ކާމިޔާބީތަކުގެ އެއް ބާނީއެވެ. އަދި އެންމެމުހިންމު އެއް ބައިވެރިޔާއެވެ. ދިވެހިރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމަށް އެމް.ޑީ.ޕީން އިސްނަގައިގެން ފެށި މަސައްކަތުގެ އެއް މޭސްތިރިއެވެ. އަދި ޕާޓީގެ އެންމެހައި މެންބަރުންގެ އެންމެގާތް އެއް އެކުވެރިޔާއެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި ލަޠީފަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ޙާލަތަކީ، މިޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއްނޫނެވެ. އޭނާ ވެވަޑައިގެންނެވި ޤުރުބާނީއަކީ، ޤައުމުގައި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް އެމް.ޑީ.ޕީން އިސްވެއޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ޤުރުބާނީއެކެވެ. އަދި، އެގޮތުގައި ކުރިއަށް ދިޔުމުގައި ލިބުނު އެންމެބޮޑު އެއް ހިތްވަރެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އިޢުލާނު ކުރެއްވި ބޭފުޅަކީވެސް ލަޠީފެވެ. އަދި ޕާޓީގެ ޗެއާޕަރސަންގެ މަޤާމު ހުސްވެފައިވާ ދަނޑިވަޅެއްގައި، އަމިއްލަފުޅަށް އިސްނަންގަވައިގެން އެމަޤާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ލަޠީފު ދައްކަވާފައިވަނީ ހިންގުންތެރިކަމާއި ކެރިވަޑައިގަތުމުގެ މަތިވެރި މިސާލެކެވެ.

މިފުރުޞަތުގައި ލަޠީފަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި މާތްاللهގެ ހަޟުރަތުގައި ދުޢާ ދަންނަވަމެވެ. އަދި ލަޠީފުގެ ޢާއިލާގެ މެންބަރުންގެ ހިތާމައިގައި ބައިވެރިވެ، ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ލަޠީފުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.