މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ އާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އަމަލު ކުރިގޮތާއި ގުޅޭ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ އެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާއި ގުޅޭގޮތުން ދަންނަވަމެވެ.
އެ މައްސަލައަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫނެވެ. އެހެނަސް އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެކެވެ.
އަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގަޔާއި އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެކެވެ. އަދި އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީއެވެ.

ސަރުކާރުންނާއި އެމް.ޑީ.ޕީ.އިން ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް މިއަދުގެ ވަގުތެއްގައި ބަޔާން ނެރިފައިވާކަންވެސް މި ޕާލަމެންޓްރީ ގްރޫޕުން ފާހަގަކުރަމެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރުމަކީ އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ޢަމަލެކެވެ. އަދި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ދިފާޢުގައި އަދުގެ ސަރުކާރެކޭ އެއްފަދައިން މި ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ޕާލަމެންޓްރީ ގުރޫޕް