މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުޤީޤު ފުރިހަމަކުރުމަށް ގޮވާލައި ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވިކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ހުއްޓެވެ. ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއްކަމުގައި މި ޕާޓީން ދެކެމެވެ. އެހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، އެކަމުން ލިބިވަޑައިގެންނެވި އަނިޔާތަކާއި، އެހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ދެއްކެވި ހިތްވަރުފުޅު ފާހަގަކޮށް، މިޕާޓީން އެމަނިކުފާނާމެދު ފަހުރުވެރިވަމެވެ.

މެއި 6، 2021 ގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މިޕާޓީން މަރުހަބާކިޔަމެވެ. އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގެއެވެ. މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިޕާޓީން ދެކެމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުޤީޤު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި، މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ.

ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާއެވެ. މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް މިޕާޓީން ދެކެމެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ މިޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށް މި ޕާޓީއިން ޤަބޫލުކުރާ ހިނދު މި އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާކަމީ މިޕާޓީން ނުހަނު ކަނބޮޑުވާކަމެކެވެ. އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުޤީޤު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ.