ތިމަރަފުށީ ބިންހިއްކުމާއި، އެއަރޕޯޓް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ފަށްޓަވައި ދެއްވައިފި

21 އޮކްޓޯބަރ 2010

މެދު ދެކުނު ޕްރޮވިންސްގެ ކޮޅުމަޑުލު ތިމަރަފުށީ ބިންހިއްކުމާއި، އެ ރަށުގައި އެއަރޕޯޓް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ މިއަދު ފަށްޓަވައި ދެއްވައިފިއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވުމަށްޓަކައި މިއަދު ހަވީރު ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޓެންޓް އިބްރާހީމް ޙުސައިން ޒަކީ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ތިމަރަފުށްޓާއި އެ ޕްރޮވިންސްގެ އެހެން ހުރިހާ ރަށްރަށަށް ތަރައްޤީގެ އިތުރު ފުރުޞަތުތަކެއް ހުޅުވި، އެ ސަރަޙައްދުގައި އިޤްތިޞާދީ މަސައްކަތް އެތައްގުނައަކަށް އިތުރުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތިމަރަފުށީ ބިންހިއްކުމާއި، އެއަރޕޯޓް ހެދުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއްކަމުގައިވާ ހޭންސެންގއާއެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި އެއަރޕޯޓް ހެދުމަށް ބޭނުންވާ 31 ހެކްޓަރާއި، ރަށަށް އިތުރު ކުރެވޭ 10 ހެކްޓަރާއެކު މުޅި ޖުމްލަ 41 ހެކްޓަރ ހިއްކުމަށް ހަމަޖެހިފައިވެއެވެ. ޢަމަލީ މަސައްކަތް ފެށޭތާ 4 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެއެވެ.