އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އިންތިޚާބު ނުވެހުރި މަޤާމްތަކަށް އަލުން ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބު މާދަމާ އޮންނާނެ

21 އޮކްޓޯބަރ 2010

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ގއ.މާމެންދޫގައި މީހަކު ވޯޓުލަނީ / ފޮޓޯ ޝިމާލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ގއ.މާމެންދޫގައި މީހަކު ވޯޓުލަނީ / ފޮޓޯ ޝިމާލް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި 9 ދާއިރާއެއްގެ ބައެއް މަޤާމްތަކަށް ބޭފުޅުން ބޭފުޅުން ހޮވުމަށް މިއަންނަ ހުކުރު ދުވަހު ބައެއް ދާއިރާތަކުގައި އިންތިޚާބު މާދަމާ އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ބުނާ ގޮތުން ދާއިރާތަކުގެ އިންތިޚާބު ބައެއް ދާއިރާތަކުގައި އަލުން މިބާއްވަނީ 1 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ބައެއް މަޤާމްތަކަށް ކުރިމަތިލެއްވި ފަރާތްތަކަށް ދާއިރާގެ މެންބަރުންގެ 10 އިންސައްތަ ތާޢީދު ލިބިފައި ނުވާތީ އާއި ނައިފަރު ދާއިރާގެ ބައެއް މަޤާމްތަކަށް ނުފޫޒް ފޯރާވަރުގެ މައްސަލަތަކެއް އެދާއިރާގެ އެސްއެމްއެސް ވޯޓިންގ ރެޖިސްޓްރީގައި ހުރިކަމަށް ފެންނާތީ ކަމަށެވެ.

މިއަންނަ ހުކުރު ދުވަހު މެންދުރުފަހު 2.30 ން ރޭގަނޑު 7.30 އަށް ބާއްވާ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކަކީ ހުޅުހެންވެއިރު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާގެ ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާގެ ރައީސްގެ ނައިބު، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، ބާރަށު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ އާއި، ކެނދިކުޅުދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނިލަންދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނައިފަރު ދާއިރާގެ ރައީސްގެ ނައިބާއި، ސެކްރެޓަރީއާއި، އިންތިޒާމް ސެކްރެޓަރީ އެވެ.